ޔާރާ ސީރީޒް އިސްކްރީނަށް، ބަލާލެވޭނީ ބައިސްކޯފުން!

އާރް2ޒީ ޕްރޮޑަކްޝަނާއި ބައިސްކޯފު ގުޅިގެން ނެރުނު ޔާރާ ސީރީޒްގެ ރެޑް ކާޕެޓް އިވެންޓްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކާސްޓުންނާއެކު އުފައްދައިފައިވާ ސީރީޒް "ޔާރާ" އިފްތިތާހުކޮށްފިއެވެ.

އޮލިމްޕަހުގައި ރޭ އެ ސީރީޒް އިފްތިތާހުކުރުން ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މި ސީރީޒްގައި ގާތްގަނޑަކަށް 90އަށްވުރެ ގިނަ ކާސްޓުން ފެންނާނެއެވެ.

ޔާރާއަކީ އަހްމަދު އިގްބާލް (އައިކިއު)ގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، މަޝްހޫރު އެކްޓްރެސް ރިޝްމީ ރަމީޒް ޕްރޮޑިއުސްކޮށް ޑައިރެކްޓުކޮށްފައިވާ ސީރީޒެކެވެ.

ޔާރާ ސީރީޒުގެ މެއިން ކާސްޓުންގެ ގޮތުގައި ވެސް 26 ފަންނާނުން މަސައްކަތް ކުރެއެވެ.

މި ސީރީޒް ބަލައިލެވޭނީ ބައިސްކޯފު އެޕްލިކޭޝަނުންނެވެ. މިހާރު މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް ނެރިފައިވާއިރު، ކޮންމެ ހަފްތާއަކު ވެސް އައު އެޕިސޯޑެއް ނެރޭނެ ކަމަށް ބައިސްކޯފުން ބުނެއެވެ.

މި ސީރީޒް ބަަލައިލުމަށް ޓަކައި ރޭ އޮލިމްޕަހަށް ފިލްމީ ދާއިރާގެ އައު ތަރިންނާއި އިހުގެ ގިނަ ތަރިންތަކެއް ވަނީ ގޮސްފައެވެ. ސީރީޒް ބަލައި ނިންމާލުމަށްފަހު ގިނަ ފަންނާނުން ބުނީ ތިންވަނަ އެޕިސޯޑް ބަލާލަން ކެތްމަދުވެފައި ތިބި ކަމަށެވެ.

އާއްމު ދިރިއުޅުމުގައި މީހުންނަށް ދިމާވާނެ އެކި ކަހަލަ ކަންތައްތައް މި ސީރީޒްގައި ދައްކުވައިދެއެވެ. އެކިކަހަލަ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ މި ސީރީޒްގައި ލޯބީގެ ގުޅުމާއި އެކުވެރިކަމުގެ ގުޅުމާއި އާއިލީ ގުޅުންތައް ދައްކުވައިދެއެވެ.

comment ކޮމެންޓް