އިމްޕޯޓް އަދި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިރޭ އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މާޗު މަހުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު ފާއިތުވީ އަހަރުގެ މާޗު މަހާ އަޅާބަލާއިރު އިތުރުވެފައިވެއެވެ. އެއީ، ދިހަ އިންސައްތައިގެ އިތުރުވުމެކެވެ.
އަދި، 2022ވަނަ އަހަރުގެ މާޗު މަހު ދައުލަތަށް އިމްޕޯޓުން 3.9 ބިލިއަން ރުފިޔާ ލިބިފާއިރު މި އަހަރުގެ މާޗް މަހު އެ އަދަދު ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު ސީއައިއެފްގެ އަގު 2022ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު ތިން ޕަސެންޓް ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ މާޗު މަހު ދައުލަތަށް 320 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު 330 މިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ.
ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، އިންޑިއާ، އޮމާން، ސިންގަޕޯރު އަދި ޗައިނާއެވެ.
ޔޫއޭއީ އިން 753 މިލިއަން ރުފިޔާގެ މުދާ، އަދި އޮމާނުން 467 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 696 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އޭގެ އިތުރުން ޗައިނާއިން 357 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 408 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.