ހޫނު ގަދަ ދުވަސްތަކަކަށް ފަހު، މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހިއްޖެ

މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޫނުގަދަ ދުވަސްތަކަކަށް ފަހު މާލެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހިއްޖެއެވެ.

އޭޕްރީލް މަހާއި މޭ މަހަކީ ރާއްޖެއަށް މި އަހަރު އެންމެ ހޫނު ގަދަ ވާނެ ދުވަސްތައް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައިވެއެވެ. ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު މާލެއާ ދެކުނަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. އޭގެ އިތުރުން މެދު ރާއްޖެތެރެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

އެހެންވެ، މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހިސާބަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ ރީނދޫ ސަމާލު ނެރެފައެވެ.

ވައި މަޑުވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ބުނީ ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި, އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އެ އިދާރާއިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށް މީގެ ކުރިން މެޓް އޮފީހުން ބުނެފައިވެއެވެ. ނަމަވެސް ވިއްސާރައާ އެކު ކޮންމެސް ވަރަކަށް ހޫނު މަޑުވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

comment ކޮމެންޓް