ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ 1.4 މިލިއަން ރުފިޔާއަށް ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގުގައި ހުރި ވަޅުގަނޑުތަކާއި އަޑިގުޑަންތައް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ހަވާލުކުރީ މާލެ އާއި ހުޅުމާލެއާ ގުޅުވައިދޭ ހައިވޭ ހެދި ޗައިނާގެ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަންސް (ސީސީސީސީ) ކުންފުންޏާއެވެ.
ބޮޑުތަކުރުފާނު މަގުގައި ހެދިފައިވާ ވަޅުގަނޑުތަކާއި އަޑިގުޑަންތަކުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މި މަސައްކަތުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގެ 32 ތަނެއް މަރާމާތުކުރުމަށް ވަނީ ހަވާލުކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން "ސަން"އަށް ވިދާޅުވީ އެ މަސައްކަތް 10 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
މީގެ އިތުރުން މި މަސައްކަތުގެ ދަށުން ހަމައެކަނި ކުރާނީ މަރާމާތު ކުރުމުގެ މަސައްކަތް ނޫން ކަމަށާއި މަގުގަ ހަލާކުވެފައި ހުންނަ އެހެނިހެން މަސައްކަތްތައް ވެސް ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ބޮޑުތަކުރުފާނު މަގުގައި އަޑިގުޑަންތައް ހުރެގެން ގިނަ ބައެއްގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކޮށްފައިވާއިރު، އެކަން މެދުވެރިވަނީ މަގުތަކުގައި ހެވީ ވެހިކަލްތައް ދުއްވާތީކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.