ހަނިމާދޫ މަގުހެދުމުގެ މަޝްރޫއު ނިމިއްޖެ

ހދ. ހަނިމާދޫ މަގުހެދުމުގެ މަސައްކަތް ނިމުން --- ފޮޓޯ/ އެމްޓީސީސީ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫއަކީ 28.90 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ.

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 44،296.90 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 18،871.16 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސާވިސް ލައިން އެޅުމާއި، ޑްރެއިނޭޖެއް ބެހެއްޓުމާއި، 20،774.86 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެމްޓީސީސީން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހަނިމާދޫގައި 46,466 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ވެސް ކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން 18 މަގެއް ވަނީ ތާރުއަޅައިގެން ތަރައްގީ ކޮށްފައެވެ. އެގޮތުން 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 38,916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމުގެ އިތުރުން 19,679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ހދ. ހަނިމާދޫ މަގުހެދުމުގެ މަސައްކަތް ނިމުން --- ފޮޓޯ/ އެމްޓީސީސީ

ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އެންމެ ފުރަތަމަ ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

ނަމަވެސް އެކި ސަބަބުތަކާހުރެ ވަރަށް ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު 2019 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހަމަ އެ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

ހަނިމާދޫގައި ތާރު އެޅުމުގެ މަޝްރޫއަކީ 76.09 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހަނިމާދޫ އަކީ 2،300 މީހުން އުޅޭ ރަށަކަށް ވާއިރު، އެ ރަށަކީ ބިމުގެ ޖާގައިގައި 305.7 ހެކްޓަރު ހުންނަ ރަށެކެވެ.

comment ކޮމެންޓް