އާ ޓެކުހެއް ނެގުމަށް ރައްޔިތުން ނުރުހުނު ކަމުގައި ވީނަމަވެސް ޕްލާސްޓިކް ނޫން ގޮތެއް އިޚްތިޔާރު ކުރަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައާ ގުޅޭގޮތުން ގިނަ ޓްވީޓްތަކެއް ކުރައްވާ، މިނިސްޓަރު ވަނީ ޕްލާސްޓިކުގެ ސަބަބުން ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
ޝައުނާ ވިދާޅުވީ ޕްލާސްޓިކުގެ ސަބަބުން ރަށްރަށާއި ކަނޑުތަކަށް ކުނި އެޅޭ ކަމަށެވެ. އަދި އަހަރެމެން ކައި އުޅޭ މަހުގެ ތެރޭގައިވެސް ޕްލާސްޓިކް ހުންނައިރު، ޕްލާސްޓިކުން ތަޣައްޔަރުވެ ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ އަގު ވައްޓާލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ނުރަނގަޅު އާދަތައް ނައްތާލުމަށްޓަކައި އަހަރުމެންގެ އަމަލުތަކަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން ދުވާލެއްގެ މައްޗަށް 800 ޓަނުގެ ކުނި އުފައްދާއިރު އޭގެތެރެއިން 12 އިންސައްތަ އަކީ ޕްލާސްޓިކް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި އަދަދު މަދު ނުކުރެވިއްޖެ ނަމަ ކުނީގެ ފަރުބަދައެއް އުފެދި، ކޮންމެ ދިހަ އަހަރަކުން ކުނި ނައްތާލުމަށް "ތިލަފުއްޓެއް" ހަދަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން ތަރައްގީވެފައިވާ އެހެން ގައުމު ތަކެކޭ ވެސް އެއްފަދައިން ވިޔަފާރި ކުރުމަށް ފޮތި އަދި އެހެނިހެން ރީޔޫޒަބަލް ކޮތަޅު ބޭނުން ކުރަން ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.