ވިޔަފާރިތަކަށް މީހާތަނަށް ދޫކުރަމުން އައި ވާރު ކާޑުގެ ބަދަލުގައި މާސްޓާ ބިޒްނަސް ޑެބިޓް ކާޑު ދޫކުރުމަށް ނިންމާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލުން ބުނީ، ވިޔަފާރިތަކަށް މިހާރު ދޫކޮށްފައިވާ ވާރު ކާޑު، ބޭންކުގެ ސްޓްރެޓަޖީގެ ދަށުން މާސްޓާ ބިޒްނަސް ޑެބިޓް ކާޑަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ.
މާސްޓާ ބިޒްނަސްކާޑު މެދުވެރިކޮށް މީރާއަށް ފައިސާ ދެއްކުމުގެ އިތުރުން މާސްޓާކާޑު ގަބޫލުކުރާ އެހެނިހެން މާޗަންޓްތަކުގައިވެސް މި ކާޑު ބޭނުންކުރެވޭނޭކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ވަނީ އަންނަ މެއިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ވާރު ކާޑު ދޫކުރުމާއި ބަލައިގަތުން އެ ބޭންކުން ހުއްޓާލާނެކަން ހާމަކޮށްފައެވެ.
ވާރުކާޑަކީ ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އަށް ފައިސާ ދެއްކުމުގެ ބޭނުމުގައި ބީއެމްއެލް އާއި މީރާ ގުޅިގެން ވިޔަފާރިތަކަށް ތައާރަފްކޮށްފައިވާ ކާޑެކެވެ.
މީރާއިން ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވާރުކާޑަށް އެދި ހުށަހެޅުމާއި ވާރުކާޑު ދޫކުރުމުގެ އުސޫލަށްވެސް ބަދަލުގެނެސްފައެވެ. މިގޮތުން މީގެކުރިން ވާރު ކާޑަށް އެދި މީރާއަށް ހުށަހެޅުމަށް އޮތްނަމަވެސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވާރު ކާޑަށް އެދި ފޯމު ހުށަހަޅަންޖެހެނީ ބީއެމްއެލްގެ ބިޒްނަސް ސެންޓަރަށެވެ.
އަދި ކާޑު ދޫކުރުމުގެ ކަންކަން ކުރިއަށްގެންދަނީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރުންނެވެ.