ނިމިިދިޔަ މާޗު މަހުގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ ކާނާގެ ބާވްތްތައް ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް އިން ޢާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން، ނިމިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރި ކާބޯތަކެތީގެ ތެރެއިން، އޫރު، ރަލުގެ ބާވްތްތައް އަދި ދުންފަތުގެ ބާވަތްތައް ނުލައި، ކާބޯތަކެތީގެ އަގު 924 މިލިއަން ރުފިޔާ އަށް އަރައެވެ.
ދެވަނައަށް އެންމެ ގިނައިން އެތެރެ ކުރި މެރިން ގޭސް އޮއިލް، ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ގޭހުގެ އަގު 706 މިލިއަން ރުފިޔާއަށް އަރައެވެ.

ރާއްޖެއަށް އެތެރެކުރި ކަރާތަކެއް، މައި ބަނދަރުގައި --- ސަން ފޮޓޯ/ އަހްމަދު ސަދޫފް
ނިމިދިޔަ މަހު، ތިންވަނަ އަށް އެންމެ ގިނައިން އެތެރެކުރީ މެޝިނަރީ އާއި އިލެކްޓްރިކަލް ބާވަތްތަކެވެ. މި ތަކެތީގެ އަގު 596 މިލިއަން ރުފިޔާއަށް އަރައެވެ.
ނިމިދިޔަ މަހު ރާއްޖެއިން ބޭރުކުރި ތަކެއްޗަށް ބާލައިރު، އެންމެ ގިނައިން ބޭރުކުރީ ގަނޑުކުރި ކަޅުބިލަ މަހެވެ.
އެގޮތުން 224 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަ މަސް ބޭރުކުރިއިރު، ދެވަނައަށް އެންމެ ގިނައިން ބޭރުކުރީ ތައްޔާރުކުރި ކަޅުބިލަ މަހެވެ. އެގޮތުން ތައްޔާރުކުރި ކަޅުބިލަ މަހުގެ 54 މިލިއަން ރުފިޔާގެ ތަކެތި ވަނީ ބޭރުކޮށްފައެވެ.
މީގެ އިތުރުން ނިމިދިޔަ މަހު، ކަސްޓަމްސްއަށް 330 މިލިއަން ރުފިޔާ ޢާމްދަނީގެ ގޮތުގައި ވަނީ ލިބިފައެވެ.
ނިމިދިޔަ މަހު އެންމެ ގިނައިން އިމްޕޯޓް ކުރީ އެކުވެރި އަރަބި އިމާރާތުންނެވެ. ދެވަނައަށް އެންމެ ގިނައިން އެތެރެކުރީ އިންޑިޔާއިން ކަމަށް ވީއިރު، ތިންވަނައަށް އެންމެ ގިނައިން އެތެރެކުރީ އޮމާނުންނެވެ.
ރާއްޖެއިން އެންމެ ގިނައިން ގަނޑުކުރި ކަޅުބިލަ މަސް ބޭރުކުރީ ތައިލެންޑަށެވެ. ދެވަނައަށް އިނގިރޭސިވިލާތް ހިމެނޭއިރު، ތިންވަނައިގައި ވަނީ ފްރާންސެވެ.