ފުވައްމުލަކު ތާރީޚުގައި ފެންކުޅީން ފުރާނައެއް ގެއްލުނު، މިއަދު ވެސް އެ ބިރުވެރިކަން!

ފެންކުޅި ކުޅޭ ޒުވާނުންތަކެއް --

ހަނދާނުން އެ ދުވަސްތައް އޮބި، ފުވައްމުލަކުގެ ތާރީޚުގެ ތެރެއަށް ގެއްލި ނިމިއްޖެއެވެ. އެކަމަކު، އިއްޔެ ހަވީރު ހިނގި ނުރައްކާތެރި ހާދިސާއާއެކު އެ ސިޓީގެ ތާރީޚުގެ ޞަފްހާތައް އަނެއްކާ ވެސް ނިއުޅާލަން ޖެހިއްޖެއެވެ.

އެއީ 1994 ވަނަ އަހަރެވެ. އީދު މަޖަލުގެ ތެރެއިން ފުވައްމުލަކުގެ މާބަނޑު އަންހެނެއްގެ ބަނޑަށް ފެން ބާލިދިއެއް ބަޔަކު ޖެހިއެވެ. އެ ޖެހި ބާރުމިނުގައި، ދެންވީ ގޮތް މާ ހިތްޗެވެ.

ބަނޑުގައި އޮތް ދަރިފުޅު ވެއްޓި، ފެންކުޅީގެ ސަބަބުން ފުރާނައެއް ގެއްލުނީއެވެ. އެ ދުވަހު ވެސް ފުވައްމުލަކުގެ ފުނާޑު އަވަށުގައި އޮތީ އެ ބިރުވެރިކަމެވެ.

މާ ގިނަ ދުވަހެއް ނުވެ އެ ބިރުވެރިކަން ރަށުތެރެއިން ނެތިގޮސް އެ ހާދިސާ ވެސް ހަނދާން ނެތުނީއެވެ.

https://sun.mv/176380

އެކަމަކު، 29 އަހަރު ފަހުން މިއަދު އެ ބިރުވެރިކަމުން ފުވައްމުލަކު އަނެއްކާ ވެސް ހޭލައިފިއެވެ. އެ ހަނދާންތައް ހަރު އުމުރުގެ މީހުންނަށް ވެސް އައުވާން ފަށައިފިއެވެ.

އުމުރުން 21 އަހަރުގެ އެ ޒުވާން އަންހެން ކުއްޖާ އިއްޔެ ބޭރަށް ދިޔައީ ފިނިބުރެއް ޖަހައިލުމަށެވެ. އެކަމަކު، މަގުމަތިން އޭނާއާ ކުރިމަތިލާން ޖެހުނީ ފެންކުޅި ކުޅޭ ބަޔަކާއެވެ.

އެއީ އޭރު ބިރުވެރިކަމެއް ނޫނެވެ. އެ ރަށު ނައިބުތުއްތު ހިނގުމުގައި ފެންކުޅި ކުޅެން ތިބި ޒުވާނުންތަކެއް އޭނާ ހުއްޓުވައި ގައިގައި ކުލަ އުނގުޅީއެވެ.

"ކުލަ އުނގުޅީމަ އޭނަ ނައްޓާލަން އުޅުނީ. އުޅެނިކޮށް އެތާ ދަނޑުގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ފެންކޮތަޅުޖަހަން އޭނާ ކުރިމައްޗަށް އެރީ. ދެން އެ ވަގުތު އޭގެން ރެކެން ވެގެން އޭނާއަށް ހިފާލެވުނީ ސްޕީޑާ ބުރައްކާ އެއްކޮށް،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.

ޒުވާނާގެ ބައްޕަ "ސަން"އަށް ކިޔައިދިން ގޮތުގައި ދަރިފުޅު ބޭރަށް ދިޔައީ ފިނިބުރެއް ޖަހާލަން ކަމަށް ބުނެއެވެ. ދެން މާ ގިނައިރުތަކެއް ނުވެ އަންހެނުން އޭނާގެ ގާތުގައި ބުނީ ދަރިފުޅު އެކްސިޑެންޓުވެގެން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ވާހަކައެވެ.

"ދިޔައިރު ދަރިފުޅުގެ މާ ބޮޑު ހޭވެރިކަމެއް ނެތް. ކިހިނެއްހޭ މިވީ، ކިހިނެއްހޭ މި ހަދަނީ، އެ ކަަހަލަ އެއްޗެހި ކިޔަނީ އޭރު،" ޒުވާނާގެ ބައްޕަ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި ދަރިފުޅުގެ ކަންފަތުންނާއި ނޭފަތުން އޭރު ވެސް ލޭ އަންނަމުން ދިޔައެވެ. ގައިގެ އެތަންމިތަން މަށައިގެން ގޮސްފައި ވެސް ހުއްޓެވެ.

"ކަންފަތުން [އޭރު] ލޭ އަންނަނީ. އެކަމަކު މިހާރު ކަންފަތުން ވެސް ކޮންމެވެސް ވަރަަކަށް ލޭ މަނާވެފައި ހުރީ،" ރޭ މެންދަމު 1:30 ހާއިރު ސަންއާ ވާހަކަ ދައްކަމުން އޭނާ ކިޔައިދިނެވެ.

ޒުވާނާގެ ބައްޕަ ކިޔައިދޭ ގޮތުގައި ވެސް އޭނާ ސަލާމަތްނުވެ، ސައިކަލާއެކު ކަހާލީ ކުޑަކުދިންތަކެއް ފެންޖަހަން އުޅުމުން އޭގެން ރެކެން އުޅެނިކޮށްނެވެ.

"މި ކަމަކީ [ފެންކުޅި ކުޅުމަކީ] ހުއްޓުވެން ޖެހޭ ކަމެއް. ތަންފީޒުކުރާ އިދާރާތަކުންތާ އެ ކަންކަން ކުރާނީ،" ޒުވާނާގެ ބައްޕަ ބުންޏެވެ.

ރޭ ދަންވަރު އެ ޒުވާނާ މާލެ ގެނެސް ފަރުވާދެމުން ދާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ބުނެއެވެ. އެކަމަކު، ފެންކުޅީގެ ސަބަބުން ލިބުނީ ބޮޑު އަނިޔާއެކެވެ. ކަންފަތުން ގިނައިން ލޭ އައިސް، ސިކުނޑިއަށް ވެސް އަނިޔާވީއެވެ.

އެ ޒުވާނާއަކީ ފުވައްމުލަކު ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުުގައި މުދައްރިސްކަން ކިޔަވަމުން ދިޔަ ޒުވާނެކެވެ.

މި ހާދިސާގައި 61 އަހަރުގެ ފިރިހެނަކަށް ވެސް ވަނީ އަނިޔާވެފައެވެ.

ފުވައްމުލަކުގެ ތާރީހުގައި ފެންކުޅީގެ ތެރެއިން ފުރާނައެއް ގެއްލުނު ދުވަހެއް ވެސް ދިޔައެވެ. މިއަދު އަނެއްކާ ވެސް އޮތީ އެ ނުރައްކަލުގެ ރަނގަބީލު އެ ރަށުގައި ޖަހަން ފަށައިފައެވެ.

comment ކޮމެންޓް