ދުނިޔޭގެ ޗެމްޕިއަނުންނާއެކު މޯލްޑިވްސް އޯޕަން ފަށައިފި، ރާއްޖޭގެ ފަޔާޒަށް ތާރީހީ މޮޅެއް

މޯލްޑިވްސް އޯޕަން 2023 ގައި ރާއްޖޭގެ ހުސައިން ފަޔާޒް ވާދަކުރަނީ -- ފޮޓޯ/ އެމްޕީބީއޭ

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް، މޯލްޑިވްސް އޯޕަން 2023 ފަށައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި މިއަދު ހެނދުނު ފެށި 10 ބޯލްގެ އެ މުބާރާތުގައި ޖުމުލަ 64 ކުޅުންތެރިޔަކު ވާދަކުރެއެވެ. އެއީ ރާއްޖޭގެ 16 ކުޅުންތެރިޔަކާއި އެކި ގައުމުތަކުން 48 ކުޅުންތެރިއެކެވެ. އޭގެ ތެރެއިން ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ހަތް ކުޅުންތެރިޔަކު ފާހަގަކޮށްލެވެއެވެ.

މިއަދު ހެނދުނު މުބާރާތް ފެށިގެންދިޔަ އިރު، އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ހުސައިން ފަޔާޒާއި ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީ ވާދަކުރި މެޗެވެ. އެ މެޗުން 6-7 ފްރޭމުން މޮޅުވެ، ރާއްޖޭގެ ފަޔާޒް ވަނީ ތާރީހީ މޮޅެއް ހޯދައިފައެވެ.

މޯލްޑިވްސް އޯޕަން 2023 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޕީބީއޭ

އެ މުބާރާތުގެ މެޗުތަކަކަށްފަހު ރަސްމީކޮށް މުބާރާތް ފަށާފައިވަނީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އޭގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިއަދު ދެކެމުންދާ ދިވެހިރާއްޖޭގެ ތާރީހަކީ، ހިނދުކޮޅަކީ ދުނިޔެއާ ދިވެހިރާއްޖެ ގުޅި ލާމެހެމުންދާ ހިނދުކޮޅެއް ކަމަށާއި އެއީ ބޭރުގެ ގުޅުންތަކާއި ބޭރުގެ ސިޔާސީ ކަންތައްތަކަށް ބެލި ކަމުގައިވިޔަސް، ވިޔަފާރީގެ ކަންތައްތަކަށް ބެލި ކަމުގައިވިޔަސް، އަދި ކުޅިވަރުގެ ދާއިރާއަށް ބެލިކަމުގައިވިޔަސް މިއަދު މިވަނީ މުޅި ދުނިޔޭގެ އިހުތިރާމު ދިވެހިރާއްޖެއަށް ހޯދޭ ހިސާބަށް ގޮސްފައި ކަމަށެވެ.

މޯލްޑިވްސް އޯޕަން 2023 ފެށުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޕީބީއޭ

"މިއަދު އަޅުގަނޑުމެން ފަހުރުވެރިވޭ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި އިންތިޒާމުކުރުމުގެ ވަސީލަތްތައް ހުރެ، އަދި އެކަން އިންތިޒާމުކުރުމުގެ ގާބިލުކަން ހުރި ޒުވާނުންތަކެއް ރާއްޖޭގައި އުފެދިގެން އައިސްފައިވާކަން،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފު ވިދާޅުވީ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތެއް ރާއްޖޭގައި ބޭއްވިގެންދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ރާއްޖޭގައި ކުޅިވަރުގައި ހުރި ތަފާތުކުރުންތައް ނައްތާލައި، ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން، ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް ވެވަޑައިގެންފައި ހުރި ވަރަށް މުހިންމު ވައުދުތަކެއް ކަމަށެވެ.

މޯލްޑިވްސް އޯޕަން 2023 ފެށުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު -- ފޮޓޯ/ އެމްޕީބީއޭ

"ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ރައީސް ވައުދުފުޅުތަކުގެ ތެރެއިން 95 ޕަސަންޓް ހުންނާނީ، އަޅުގަނޑަށް ޔަގީން ޑެލިވާ ކުރެވިފައި. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ތަފާތުކުރުންތައް ނައްތާލެވިއްޖެ. މިއަދު މި ކުޅިވަރުގައި ވެސް އަންހެން އެތުލީޓުންނަށް މުސާރަ އެބަދެން. މިއަދު މި ކުޅިވަރުގައި ނޭޝަނަލް ޓީމު ކޯޗުން ވެސް ތިބޭނެ. ރަނގަޅު ކުރިއެރުންތަކެއް، ރަނގަޅު ކާމިޔާބީތަކެއް ހޯދިއްޖެ. އެހެންނަމަވެސް އަޅުގަނޑުމެން ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އަދިވެސް އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ކުރިއަށްއޮތްތަނުގައި އެކުގައި މަސައްކަތްކޮށްގެން އިތުރު ހަރުފަތްތަކަށް ދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މިއަދުގެ މިހާތަނަށް މިއީ މިއަހަރުގެ ދެވަނަ ބައިނަލްއަގުވާމީ މުބާރާތް ކަމަށެވެ.

"މިދިޔަ އަހަރު ނުވަ ބައިބަލްއަގުވާމީ މުބާރާތް ބޭއްވުނު. މިއަހަރު އަދި އިތުރު މުބާރާތްތަކެއް ވެސް ރޭވިފައި އެބަހުރި. މިއަހަރު ގޭމްސްތަކެއް އެބަހުރި. އަޅުގަނޑުމެން އަޒުމު ކަނޑައަޅައިގެން އުންމީދުކޮށްގެން މިތިބީ މިދިޔަ ހަތަރު އަހަރު މި ގެނެވެނު ބަދަލުން، މި ގެނެވުނު ނަތީޖާއިން އަޅުގަނޑުމެންނަށް ހާއްސަކޮށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ތަފާތު ބޮޑު ނަތީޖާއެއް ގެނެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް އޯޕަން 2023 ފެށުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޕީބީއޭ

މޯލްޑިވްސް އޯޕަން 2023 އަކީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދުނިޔޭގެ ރޭންކިން މުބާރާތެކެވެ. އެ މުބާރާތުގައި ދުނިޔޭގެ ރޭންކިންގެ އިތުރުން އޭޝިއާގެ ރޭންކިންއަށް ވެސް ޕޮއިންޓު ލިބިގެންދާނެއެވެ.

އެ މުބާރާތް މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާއެވެ.

comment ކޮމެންޓް