ޗެލްސީއަށް ކޯޗެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެ ޓީމުން ޝޯޓު ލިސްޓު ކުރި ކޯޗުންގެ ލިސްޓުގެ އެންމެ ކުރީގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަޖުރިބާކާރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހިމެނޭކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
ސްކައި ސްޕޯޓްސްއިން ރިޕޮޓުކޮށްފައިވާ ގޮތުގައި ޗެލްސީން ވަނީ ޕޮޗެޓީނޯއާ ދެފެހަރެއްގެ މަތިން ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ޕޮޗެޓީނޯ ވަނީ ހަތް އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އެގޮތުން 2013 ވަނަަ އަަހަރު ސައުތުއެމްޓަންގެ ކޯޗެއްގެ ގޮތުގައި އަލަށް ޕްރިމިއާ ލީގަށް ނިކުތް ޕޮޗެޓީނޯ ވަނީ އޭގެ އަނެއް އަހަރު ޓޮޓެންހަމްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށައިފައެވެ.
ޓޮޓެންހަމްގެ ކޯޗެއްގެ ގޮތުގައި އޭނާ ވަނީ ހަ އަހަރު މަސައްކަތް ކޮށްފައެވެ. ޕޮޗެޓީނޯ ވަނީ ޓޮޓެންހަމްގެ ތާރީޚްގައި ވެސް ފުރަތަަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް އެ ޓީމު ގެންގޮސްދީފައެވެ. 2018 ވަނަ އަހަރާއި 2019 ވަަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅެ އެ ޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުން ލިވަޕޫލް އަތުންނެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ޓޮޓެންހަމް ދޫކޮށްލުމަށްފަހު 2021 ވަނަ އަހަރު ޕޮޗެޓީނޯ ހަވާލުވީ ޕީއެސްޖީގެ ކޯޗުކަމާއެވެ. އޭގެ ކުރިން 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް އޭނާ މަސައްކަތް ކުރީ ސްޕެނިޝް ލަލީގާގެ އެސްޕެނެޔޯލްގެ ކޯޗެއްގެ ގޮތުގައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން ހަދާފައިވާ ކޯޗުންގެ ޝޯޓު ލިސްޓުގައި މެންޗެސްޓާ ސިޓީގެ ލެޖެންޑު ވިންސެންޓު ކޮމްޕެނީ ވެސް ހިމެނެއެވެ. ކޮމްޕެނީ މިވަގުތު ހުރީ ބާންލީގެ ކޯޗެއްގެ ގޮތުގައެވެ.
ޗެލްސީގެ ކޯޗުގެ މަގާމު ހުސްވީ އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އިނގިރޭސި ކޯޗު ގްރަަހަމް ޕޮޓާ އެ މަގާމުން ވަކިކުރުމުންނެވެ.
ދެން ވަގުތީ ކޯޗެއްގެ ގޮތުގައި އެ ޓީމަށް ގެނެސްފައިވަނީ އެ ޓީމުގެ ކުރީގެ ކޯޗު އަދި ލެޖެންޑު ފްރޭންކް ލަމްޕާޑެވެ.
ޗެލްސީން މަސައްކަތް ކުރަނީ އަންނަ ސީޒަނަށް އާ ކޯޗެއް އެ ޓީމަށް ގެނައުމަށެވެ.