އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުންއަރައި ސައުތުއެމްޓަން އަތުން ހޯދި ޕޮއިންޓާއެކު އާސެނަލުން ލީގު ހޯދުމުގެ އުންމީދު ދަމަހައްޓައިފިއެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެ މެޗުން އާސެނަލް މޮޅުވެ އެ ޓީމަށް ލީގު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބެން އޮތެވެ. ނަމަވެސް ދެވަނައިގައި އޮތް ސިޓީއަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން 32 މެޗުން އާސެނަލްއަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. ސިޓީއަށް 30 މެޗުން 70 ޕޮއިންޓު ވަނީ ލިބިފައެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައިފައި ވަނީ ވެސް ސައުތުއެމްޓަންްއިންނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެ ގޯލު ޖެހީ ކާލޮސް އަލްކަރޭޒްއެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ސައުތުއެމްޓަންއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ބުކާޔޯ ސަކާ ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ޖަހައިފައިވަނީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ތިއޯ ވޮލްކޮޓެވެ.
ނަމަވެސް އޭގެ ހަ މިނެޓު ފަހުން އާސެނަލުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ހަނިކޮށްފައެވެ. އެ ގޯލަކީ ސަކާ ނެގި ހުރަހަކުން ގަބްރިއާލް މާޓިނެލީ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ސައުތުއެމްޓަންގެ ކަލެޓެކާ ވަނީ އެ ޓީމުގެ ތިން ވަނަ ގޯލުޖަހައި އާސެނަލް ހާސްކޮށްލައިފައެވެ.
އެ ނަތީޖާއާއެކު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އާސެނަލުން ވަނީ ގޯލެއް ޖަހައި އަލުން އުންމީދު ހޯދައިފައެވެ. ބެން ވައިޓްގެ އެހީއާއެކު އެ ގޯލު ޖެހީ މާޓިން އޮޑެގާޑެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި އާސެނަލްގެ ސަކާ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ރޭގެ މެޗުން އާސެނަލް އަތުން ގެއްލުނު ދެ ޕޮއިންޓާއެކު ލީގު ރޭހުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ހަ ޕޮއިންޓު ގެއްލުވާލައިފައެވެ. ލީގުގައި އާސެނަލްއަށް ކުރިއަށް އޮތް ދެ މެޗުގައި ބައްދަލުކުރަން ޖެހޭނީ ސިޓީއާއި ޗެލްސީއާއެވެ.