މާލޭގައި މިރޭ ހަވާ އަރުވަނީ

ހަވާއެރުވުމުގެ ތެރެއިން-- ސަން ފޮޓޯ

ދިވެހި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.

ސިފައިންގެ ޚިދުމަތަށް މިއަދު 131 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ 8:20 ގައި ހަވާ އަރުވަން ފަށާނީ ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ.

މިރޭ 8:00ގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާ އެކު މި ހަފުލާ ފަށާ ގޮތަށް ނިންމާފައިވާއިރު ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، މިއަދު ހަވީރު 4:00 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފުގެ ހިނގާލުން ކުރިޔަށް ގެންގޮސްފައިވެއެވެ.

ހަމައެއާ އެކު ވަނީ މިއަދު ހެނދުނު ހައެއް ޖެހިއިރު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ. ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީއެވެ.

ރާއްޖޭގައި ސިފައިންގެ ޚިދުމަތް ފަށާފައިވަނީ 1892 ވަނަ އަހަރު އޭޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ.

comment ކޮމެންޓް