ނަޝީދާ ގުޅުވައިގެން ކުރި ތުހުމަތުތައް ދޮގުކޮށް، އެ މައްސަލަ ފުލުހަށް

މެންބަރު ރޮޒައިނާ ---

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އިސްވެރިން ވާހަކަދައްކަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ތުހުމަތުތައް ދޮގުކޮށް، އޭނާއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މެމްބަރު އިންތި ވަނީ ނަޝީދުގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އެގޮތުން އޭނާ ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ވަނީ ނުފޫޒު ގަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެއްވަން ދެކޮޅު ހައްދަވައި، އަދި އެކަން ހުއްޓުވުމަށް ބާރުއަޅާ މޭރުމަކުން އެކި ފޯރަމްތަކުގައި ތަކުރާރުކޮށް ވާހަކަދައްކަމުން ގެންދިއުމަކީ އެކަމުގައި ނުބައި ރޭވުމެއް އޮތް ކަމެއް ކަމަށް ތުހުމަތުކޮށް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އާއި އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަން ފާހަގަކުރައްވައިފައެވެ.

އެ ދެ ބޭފުޅުން ނަޝީދަށް ޓާގެޓު ކޮށްގެން ނަފުރަތު އުފައްދާ ކަމަށާއި އެއީ ރާވައިގެން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އެ މަނިކުފާނުގެ ސެކިއުރިޓީ ނިކަމެތިކޮށް، ހަމަލާއަކަށް ފުރުސަތު ފަހި ކުރަން ކަމަށް އިންތި ވަނީ ތުހުމަތު ކުރައްވައިފައެވެ.

އެކަމާ ގުޅިގެން މެމްބަރު ރޮޒައިނާ ވަނީ އިންތިގެ އެ ތުހުމަތުތައް ދޮގު ކުރައްވައި، އެ މައްސަލަ ބަލައިދިނުމަށް ފުލުހަށް ހުށަހަޅާފައެވެ. ރޮޒައިނާ ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއް ޓުވިޓާގައި ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ ސިޔާސީވުމަކީ އަނެކާއަށް އަނިޔާދޭން އުޅުމެއް ނޫން ކަމަށެވެ. އަދި އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ތުހުމަތުތަކެއް އިންތި ކޮށްފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޮޒައިނާގެ ސިޓީގައި ބުނެފައިވަނީ އޭނާ އަކީ ދުވަހަކުވެސް މީހަކަށް އަނިޔާދިނުމަށް މަސައްކަތްކުރި އަދި އެފަދަ ކަމެއް ކުރަން ހިތަށްވެސް އެރުވި މީހެއް ނޫން ކަމަށެވެ. އަދި ނަޝީދަށް ދިން ބޮމުގެ ހަމަލާ އޭރުވެސް އަދި މިއަދުވެސް ކުށްވެރިކުރާ ކަމަށް އޭނާގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

"ސިޔާސީ ދާއިރާގައި މީހުންނާ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމަކީ އެއްވެސް މީހަކާ ދޭތެރޭގައި ޒާތީ ވާން ޖެހޭ ކަމެއް ކަމަށް ނުވަތަ އަނިޔާވެރިވާން ޖެހޭ ކަމެއް ކަމަށް ނުވަތަ އެމީހަކާ ދޭތެރޭގައި ނަފުރަތު ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު އެއްވެސް އިރެއްގައި ގަބޫލެއް ނުކުރަމެވެ. އަދި އަޅިގަނޑަކީ އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅަށް ވަކާލާތުކުރާ މީހަކީމެވެ،" އެ ސިޓީގައިވެއެވެ.

އިންތިގެ ތުހުމަތުތަކަށް އިންކާރުކުރުމުގެ ގޮތުން، ރޮޒައިނާ ވިދާޅުވީ ނަޝީދުއަށް ސެކިއުރިޓީ ދޭން ނުޖެހޭނެކަމަށް ވެސް، ދިނުން ހުއްޓާލަކަށް ވެސް އަދި ދޭގޮތަށް ބަދަލެއް ގެންނާކަށް ވެސް ވަކާލާތުކޮށްފައި ނުވާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ނަޝީދާ އެއްބަސްނުވެވޭ ގިނަ ކަންކަން ހިނގާފައިވުމާއެކު، އެމަނިކުފާނުގެ ސިޔާސަތުތަކާއި ސިޔާސީ ގޮތުން އެމަނިކުފާނު އަމަލުކުރައްވަމުން ގެންދަވާގޮތާ މެދުވެސް ފާޑު ކިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ވެސް އެ ފާޑުކިޔުންތައް ކިޔާނެ ކަމަށް ވިދާޅުވެ، ރޮޒައިނާ ވިދާޅުވީ، އޭގެ މާނައަކީ ޖިސްމާނީ ގޮތުން އެމަނިކުފާނަށް ގެއްލުމެއްދޭން ބޭނުންވުން ނޫން ކަމަށެވެ.

ރޮޒައިނާގެ ސިޓީގައި ވަނީ ރައީސް ނަޝީދުގެ ޓީމުން ސިޔާސީ ގޮތުން ކުރާ ބަހުސްތަކުގައި ކުރި ނޭރުމުން، އޭނާގެ އަބުރުކަތިލައި، ސިޔާސީ ގޮތުން އޭނާ ފަހަތައް ޖެއްސުމަށް، ނަޝީދު މަރާލަން ރޭވުމުގެ ތުހުމަތު އޭނާއަށް ކުރުމަކީ ފިނޑި އަދި ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެ ތުހުމަތުތަކަކީ ނުރައްކާތެރި ތުހުމަތުތަކެއް ކަަން ފާހަގަކުރައްވައި، ރޮޒައިނާ ވިދާޅުވީ އެފަދަ ތުހުމަތެއް އޭނާގެ މައްޗަށް ކުރުމުން ނަޝީދަށް ތާއީދު ކުރާ ބަޔަކު އޭނާއަށް ހަމަލާއެއް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންވެ، ނަޝީދު މަރާލަން ރޮޒައިނާ އުޅޭކަމަށް އިމްތިޔާޒް ކުރި ތުހުމަތުގެ މައްސަލަ ފުލުހުން ބަލައި ދިނުމަށް ރޮޒައިނާގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް