އީދު ޚުތުބާގައި ގޮވައިލީ ގުޅުންތައް ބަދަހިކޮށް، ދީނާއި އަގީދާއަށް ރައްކާތެރިވުމަށް

ފީއަލީ އީދު އުފާގެ ތެރެއިން، ކުރިއަށް ދިޔަ ކުޅިވަރުގެ ހަރަކާތްތައް: --- ސަން ފޮޓޯ

އީދު ނަމާދުގެ މަތިވެރި ޖަމާއަތަށް އެންމެން ހާޒިރުކުރުވީ މަތިވެރި އިސްލާމް ދީން ކަމަށާއި، އެހެންވެ، އަބަދުވެސް ދީނާއި އަގީދާއަށް ރައްކާތެރިވުމަށް މިއަދުގެ ފިތުރު އީދު ޚުތުބާގައި ގޮވައިލައިފިއެވެ.

މިއަދުގެ ފިތުރު އީދު ޚުތުބާގައި ބުނީ އިސްލާމީ އީދުތައް ފެށެނީ މާތްﷲ އަށް ޝުކުރު ދެންނެވުމަށްޓަކައި، ކުރެވޭ އީދު ނަމާދުގެ ޖަމާއަތުން ކަމަށެވެ. އެކަމުގެ ސަބަބުން އިސްލާމީ އުޚުއްވަތްތެރިކަމާއި، ގާތްތިމާގެކަމުގެ ޝުއޫރުތައް ފާޅު ކުރެވޭ އިސްލާމީ އީދުތަކަކީ އޭގެ އުފަލުގައި އެންމެން ބައިވެރިކުރަން ޖެހޭ އީދެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން އީދު ދުވަހު އުފާ ފާޅުކުރަންވީ ހަމައެކަނި ތަނަވަސް މީހުން ނޫން ކަމަށާއި މުއްސަނދީން، ފަގީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

"ފިތުރު އީދު ދުވަހު، އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް އަންގަވާފައިވަނީ އޭގެ ސަބަބުން ފަގީރުންނަށް އީދުގެ އުފަލުގައި ބައިވެރިވުމުގެ ތަނަވަސްކަން ލިބޭނެތީ،" ޚުތުބާގައި ބުންޏެވެ.

އީދު ދުވަހުގެ ހަނދާނުގައި ބަހައްޓަންވި ކަންކަން ފާހަގަކުރަމުން، މިއަދުގެ އީދު ޚުތުބާގައި ބުނީ، އީދު ނަމާދުގެ ބަރަކާތްތެރި ޖަމާއަތަށް މުސްލިމުން ހާޒިރުކުރުވީ އިސްލާމް ދީން އަބަދުވެސް ދަނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، ދީނާއި އަގީދާއަށް އަބަދުވެސް ރައްކާތެރިވާން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނި ގޮތުގައި ގައުމުގެ އިސްލާމީ ޝަހުސިއްޔަތަކީ އިސްލާމް ދީނާއި އެކުވެރިކަމާއި މިނިވަންކަމާއި އިސްތިގުލާލެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި އަގީދާ ފޯރުކޮށްދީ، ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޒުމު ކަނޑައެޅުމަށް އީދު ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

އީދު ދުވަހުގެ މުނާސަބަތުގައި ގުޅުންތައް ބަދަހިކުރުމުގެ މުހިއްމުކަން ހަނދާންކޮށްދެމުން ޚުތުބާގައި ބުނީ، މިއަދު ހުރިހާ ރުޅިވެރިކަމާއި ހަސަދަވެރިކަމަކުން ހިތްތައް ސާފުކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އަނެކާގެ ހައްގު އަދާކޮށް، ބައިބައި ނުވެ، އެއްގަލަކަށް އެރުމަށް ގޮވައިލިއެވެ.

"ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ހައްގުތަކާ ގުޅިފައިވާ ކަމެއް. މިއަދު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، ހެޔޮ ފޯރުވާށެ. އީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާށެ. އަދުގެ ދުނިޔޭގައި މިއީ ވަރަށް ފަސޭހަ ކަމަކެ. އެކަމަށް ހޭދަކުރަން ޖެހޭނީ ކުޑަ ހިނދުކޮޅެކެ. އެމީހުން ތިބާއާ ގުޅުން ނުބޭއްވިޔަސް، ތިބާ އެމީހުންނާ ދުރަށް ނުދާށެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ނިމިދިޔަ ރޯދަ މަހު ހިފި ރޯދަތައް ވަނީ ނަފުސުތަކުގައި، އިސްލާމީ އުޚުއްވަތްތެރިކަމާއި އެކަކު އަނެކަކަށް އަޅާލުމުގެ ރޫހު އުފައްދާފައި ކަމަށާއި އަދި އެއީ މި އުއްމަތަކަށް އެންމެން ނިސްބަތްވާ ކަމުގެ އިހުސާސެއް ކަމަށެވެ.

މިއަދުގެ ޚުތުބާގައި ބުނީ ވަތަނުގެ އަމާން ކަމަކީ ބަޔަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތަށްވާއިރު، ގައިމު ތަރައްގީ ކުރެވޭނީ އަމާންކަން ލިބިގެން ކަމަށެވެ. އަދި ގައުމުގެ ހުރިހާ ދަރިން މި އަމާންކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޚުތުބާގައި އެދުނެވެ.

ފާއިތުވި ރަމަޟާން މަސް ނިމުމުން އަޅުކަންތަކުގެ މަތިން ގިނަ މީހުން ހަނދާން ނުހުރި ނަމަވެސް ﷲއާ އޮންނަ ގުޅުން ބާއްވަން ޖެހޭނީ ހަމައެކަނި އެ މަހުގައި ނޫންކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، މި އީދު ދުވަހު އިންސާނިއްޔަތުކަން ފާޅުވާން ޖެހޭ ކަމަށާއި ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް އަރާރުމެއް އޮތް ނަމަވެސް އެކަން ނައްތާލަން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ. އިސްލާމްދީން ގޮވައިލަނީ އެކުވެރިކަމާ ބަދަހިކަމަށް ކަމަށާއި ހަގީގީ ލޯބި އޮންނާނީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެގެން ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންކަމުން، މި ފިތުރު އީދަކީ، ދީނާއި އަގީދާއަށް ރައްކާތެރިވެ، ގުޅުންތައް ބަދަހިކޮށް އަދި އެންމެންވެސް ބައިވެރިކޮށްގެން، ކުލަ ގަދަކޮށް ފާހަގަކުރެވޭ އުފާވެރި މުނާސަބަތަކަށް ހެދުމަށް މިއަދުގެ ފިތުރު އީދު ޚުތުބާގައި ވަނީ ގޮވައިލާފައެވެ.

comment ކޮމެންޓް