'އޮޕަރޭޝަން އީގްލް' ޙަޤީޤީ ހާދިސާތަކަށް ހާއްސަކުރެވިފައި

ފިލްމު "ކިލާޅީ 786" ގެނެސްދިން ޑައިރެކްޓަރު އަޝިޝް އާރް މޯހަން ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން ފިލްމެއް އުފައްދަން ނިންމައިފިއެވެ.

"އޮޕަރޭޝަން އީގްލް"ގެ ނަމުގައި އުފައްދާ މި ފިލްމުގައި ގެނެސްދޭނީ 5000 ފޫޓު މަތިން ކޭބަލް ކާރެއްގައި ދަތުރުކުރަމުންދާ ފަތުރުވެރިންތަކެއް އޭގައި ތާށިވެ އެމީހުން ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ވާހަކަތަކެވެ.

"އޮޕަރޭޝަން އީގްލް" ފިލްމު އުފައްދަން ނިންމާފައިވަނީ ވަކާއޯ ފިލްމްސް ޕްރޮޑަކްޝަންއާއި ޝިމްލާ ޓޯކީސްއާ ގުޅިގެންނެވެ. މި ފިލްމުގައި ކިޔައިދޭނީވެސް ޝިމްލާގެ ސްނޯ ސަރަޙައްދުގައި ހިނގާފައިވާ ހަޤީޤީ ހާދިސާތަކުގެ މައްޗަށް ބިނާކޮށްގެން އެ ހާދިސާތަކުން މީހުން ސަލާމަތްކުރުމަށް ޓީމް އީގްލްއިން ކުރާ މަސައްކަތްތަކެވެ.

ފިލްމުގެ ޑައިރެކްޓަރު އަޝިޝް އާރް މޯހަން ބުނެފައިވަނީ މިފިލްމު އުފެއްދުމުގެ ޚިޔާލު ގެންގުޅޭތާ މިހާރު ހަތަރު ނުވަތަ ފަސް އަހަރު ވެދާނެ ކަމަށެވެ. ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ސިނަމެޓިކް ތްރިލާއަކަށް ވާނެ ކަމަށް އަޝިޝް ވަނީ ބުނެފައެވެ.

ތްރީ-ޑީ ކޮށް ފިލްމުގެ މަންޒަރުތައް ނެގުމަށް ނިންމާފައިވާއިރު މި ފިލްމުގެ ބޮޑު ބައެއް ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އިތުރުން އަބޫ ދާބީ އަދި ސައުތް އެފްރިކާގެ ކޭޕް ޓައުންގައެވެ.

މި ފިލްމުގެ ވާހަކަ ލިޔެ ތައްޔާރުކުރުމަށް ހަވާލުކުރެވިފައިވަނީ ފިލްމު "މޭރީ ކޮމް"، "ނީރްޖާ" އަދި "މައިދާން"ފަދަ ފިލްމުތަކުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވާ ސައިވީން ޤުއާދްރަސްއާއެވެ. މި ފިލްމުގައި ހިމަނާނެ ކާސްޓުންނާ ބެހޭ މައުލޫމާތު ކުރިޔަށްއޮތް ދުވަސްތަކުގައި މީޑިއާތަކާ ހިއްސާކުރާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. މި ފިލްމުގެ ސިނަމާތަކަށް ގެންނަން ނިންމާފައިވާ ތާރީޚެއް އަދި ކަށަވަރުނުވެއެވެ.

comment ކޮމެންޓް