މުއްސަނދިވުމަށްޓަކައި ކައިވެނިކުރުން

ކައިވެނީގެ ސަބަބުން ތަނަވަސްކަން ގެނެސްދޭ --- ފޮޓޯ/ އީޒީވެޑިންގސައުދީ.ކޮމް

ބައެއްމީހުންނަށް ހީވެފައި އޮންނަ ގޮތުގައި ކައިވެންޏާއި ދަރީންނަކީ ދިރިއުޅުމުގެ ޚަރަދު ބޮޑުވެ ފަޤީރުވުމަށް އޮތް ސަބަބެކެވެ. ނަމަވެސް އިސްލާމީ ނަޒަރުން ބަލާއިރު މިއީ މުޅީން ކުށްހީއެކެވެ. ކައިވެނީގެ ޝަރުޠުތައް ހަމަވެއްޖެނަމަ ލަސްނުކޮށް ކައިވެނި ކުރުމަށާއި، ކައިވެންޏަކީ ނުބައި ކަންތައްތަކުން މީހާ ރައްކާތެރިކޮށްދޭނެ ކަމެއްކަމަށް އަންގަވާފައިވެއެވެ.(މުސްލިމް: 2393) އަދި އެއީ މުއްސަނދިކަން ގެނެސްދޭނެ މަގެއްކަމަށްވެސް ޤުރުއާނާއި ސުންނަތުގައި އަންގަވާފައިވެއެވެ.

މީހުންނާ ނުއިނދެ ތިބޭ މީހުން ކައިވެނި ކުރުމަށާއި، އެމީހުންނަކީ (ކައިވެނީގެ ކުރީން) ފަޤީރުންކަމުގައިވާނަމަ، ﷲ ގެ ފަޟުލުވަންތަކަމުން އެކަލާނގެ އެމީހުން މުއްސަނދިކުރައްވާފާނެކަމަށް ވަޙީކުރައްވާފައިވެއެވެ.(ނޫރު: 32) ތިންފަރާތަކަށް އެހީތެރިވެވޮޑިގެންނެވުން އެއީ ﷲ ގެ ޙައްޤެއްކަމަށް ޙަދީޘްގައިވެއެވެ. އޭގެތެރޭގައި؛ ޢިއްފަތްތެރިވުމުގެ ނިޔަތުގައި ކައިވެނިކުރަން ބޭނުންވާ މީހާ ހިމަނުއްވާފައިވެއެވެ.(ތިރުމިޛީ: 1655) ޖާހިލީ ޒަމާނުގައި ބައެއްމީހުންނަށް ދަރީން ލިބުމުން އެދަރީން މަރައި އުޅުނެވެ. ޚާއްޞަ ގޮތެއްގައި އަންހެން ދަރީން ދިރިތިއްބައި ވަޅުލައި މެރިއެވެ. އެމީހުން ޤަބޫލުކުރި ގޮތުގައި ދަރީންނަކީ އެބައިމީހުން ފަޤީރުވުމަށް އޮތް ސަބަބެކެވެ. އެބައިމީހުންގެ މި ނުބައި ވިސްނުމާމެދު ﷲ ވަޙީކުރައްވާފައިވެއެވެ. وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ (އަންޢާމު: 151) "އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒުޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ." وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا (އިސްރާ: 31) "އަދި ފަޤީރުވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށް ރިޒުޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރިން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ."

އިސްވެދިޔަ ދެ އާޔަތުގެތެރެއިން ފުރަތަމައާޔަތުގައި ޚިޠާބު އައިސްފައިވަނީ ފަޤީރުންނަށެވެ. އެމީހުންނަށް ލިބޭ އެތިކޮޅު މަދުކަމާއެކު، ދަރިން އިތުރުވާނަމަ އެއިން ނުވެދާނެތީ އެމީހުންގެ ދަރިން މަރަމުން ދިޔައެވެ. އެހެންކަމުން، އެކަން އެގޮތަށް ނުކުރުމަށް އަންގަވައި، އެމީހުންނަށާއި އަދި އެމީހުންގެ ދަރިންނަށްވެސް ރިޒުޤުދެއްވަނީ الله ކަން އެންގެވިއެވެ. ދެވަނައާޔަތުގައި ޚިޠާބު އައިސްފައިވަނީ މުއްސަނދީންނަށެވެ. އެބައިމީހުންނަށް ދަރިން ލިބި އެދަރިންނަށް ޚަރަދުކުރަންޖެހުމުގެ ސަބަބުން، އެމީހުންގެ މުއްސަނދިކަން ފިލައިހިނގައިދާނެކަމުގެ ބިރަށްޓަކައި، އެމީހުންގެ ދަރިން މަރަމުން ދިޔައެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުކުރުމަށް އަންގަވައި، އެންމެންނަށްވެސް ރިޒުޤު ދެއްވަނީ الله ކަން ހަނދާންކޮށްދެއްވިއެވެ. މި ދެއާޔަތުންވެސް އޮޅުމެއްނެތި އެނގޭގޮތުގައި، ކައިވެނިކޮށް ދަރީން ހޯދުމަކީ ފަޤީރުވާނެކަމެއްނޫނެވެ. ނަމަވެސް ހަނދާނުގައި ބަހައްޓާންޖެހޭ ވަރަށް މުހިއްމު ނުކުތާއެއްވެއެވެ. އެއީ ކައިވެނިކުރުމާއެކު، ފުދުންތެރި ދިރިއުޅުމެއް ހޯދުމަށްޓަކައި އަމިއްލައަށް ކުރާންޖެހޭ ކަންތައްތައް ކުރުމެވެ. ދަރީން ހޯދުމުގައި އެމީހެއްގެ ފުދުންތެރިކަން ހުރި މިންވަރެއްގެ މައްޗަށާއި ދެމަފިރީންގެ ޞިއްޙީ ހާލަތަށާއި އަދި މިނޫންވެސް ގުޅުންހުރި އެންމެހައި ކަންކަމަށް ރިޢާޔަތް ކުރުމެވެ. ކިތަންމެ ގިނައިން ދަރީން ހޯދިޔަސް ﷲ ރިޒުޤު ދެއްވާނެޔޭ ބުނެ، ތިމާމެންގެ ޒިންމާ ދޫކޮށްނުލުމެވެ.

ކައިވެނީގެ ސަބަބުން ތަނަވަސްކަން ގެނެސްދޭކަން އެއީ މިޒަމާނުގެ ދިރާސާތަކުންވެސް ހޯދިފައިވާ ހަގީގަތެކެވެ. ކޯނެލް ޔުނިވާސިޓީގެ ޕްރޮފެސަރ ޑޭނިއަލް ލިޗްޓަރ ބުނެފައިވެއެވެ. ކައިވެންޏަކީ ފަޤީރުކަމުން ސަލާމަތްވުމަށް އޮތް މަގެއްކަމުގައިވެދާނެއެވެ. "ކައިވެނިކުރެވޭ ހާލަތުގައިވާ" އަންހެނެއްނަމަ ކައިވެނިކޮށްގެން އެގޮތުގައި ދެމިހުންނާށެވެ. ޖާނަލް އޮފް ސޯސިއޮލޮޖީގައި ޝާއިޢުކޮށްފައިވާ، ޖޭ ޒަގޯރސްކީގެ ދިރާސާއަކުން ދައްކާ ގޮތުގައި، ވަރިވެފައިވާ މީހުން ނުވަތަ ހުސްހަށިބަޔަށް ތިބޭ މީހުންނަށްވުރެ، ކައިވެނިކޮށްގެން ތިބޭ މީހުންގެ މުއްސަނދިކަން ދެގުނަ އިތުރެވެ. ހަމަ މިއާއެކު، ދެބެލެނިވެރީންނާއެކު ދިރިއުޅޭ ކުދީންނަށްވުރެ، އެކަނިވެރި މަޔަކާއެކު ދިރިއުޅޭ ކުދީން ފަޤީރުވުމުގެ ފުރުސަތު ފަސްގުނަ އިތުރުކަމަށް، ބަރަކް އޮބާމާ އޭނާގެ ފޮތް، "ދި އޯޑަސިޓީ އޮފް ހޯޕް" ގައި ބުނެފައިވެއެވެ. ދަ ހެރިޓޭޖް ފައުންޑޭޝަންގެ ޑިވޮސް ސެންޓަރ ފޯ ރިލިޖަން އެންޑް ސިވިލް ސޮސައިޓީގެ ޑިރެކްޓަރު ޖެނިފާ އޭ. މާޝަލް ބުނެފައިވާ ގޮތުގައި، ފަޤީރު ކުދިންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުދިން ދިރިއުޅެނީ އެކަނިވެރި ބެލެނިވެރިންނާ އެކުގައެވެ. މަދު އާމްދަނީ ލިބޭ އެކަނިވެރި ބެލެނިވެރިންނަށް އެހީތެރިވުމަށް (އެމެރިކާގައި) ސަރުކާރުން އަހަރަކު 300 ބިލިއަން ޑޮލަރު ޚަރަދު ކުރެއެވެ. ނަމަވެސް އެކަނިވެރި ނިކަމެތި މައިން، (އެ) ދަރީންގެ ބައްޕައިންނާ (އަލުން) ކައިވެނިކޮށްފިނަމަ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައިމީހުންނަށް ދާދި އަވަހަށް ފަޤީރުކަމުން ސަލާމަތްވެވިދާނެއެވެ.

ބަޔާންވެދިޔައީ ތަނަވަސްކަމާއި ކައިވެނީގެ ގުޅުމާބެހޭގޮތުން ޣައިރު މުސްލިމުން ކޮށްފައިވާ ދިރާސާތަކުން މިންވަރެކެވެ. މި ދިރާސާތަކުންވެސް ސާފުކޮށް އެނގޭގޮތުގައި، ކައިވެނިކޮށް އެ ކައިވެނީގެ މަތީގައި ދެމި ތިބުމަކީ ޢާއިލާގެ ތަނަވަސްކަމަށް އޮތް އެންމެ މުހިއްމު އެއްމަގެވެ. މީގެ 1400 އަހަރުކުރީން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި ﷲ ތަޢާލާ އެކަން އެވަނީ ބަޔާންކުރައްވާފައެވެ. ވީމާ، ހަރުދަނާ މުޖުތަމަޢެއް ބިނާކޮށް ފުދުންތެރި ދިރިއުޅުމެއް ލިބިގަތުމަށްޓަކައި ކައިވެނި ކުރުމަކީ ކޮންމެހެންވެސް ކުރާންޖެހޭނެކަމެއްކަމަށް ގަބޫލުކުރަމާ ހިނގާށެވެ. ކައިވެނި ކުރުމަށް ހުރިހައި ގޮތަކުން ކުޅަދާނަވެއްޖެ އަންހެނާއާއި ފިރިހެނާވެސް ލަސްނުކޮށް ކައިވެނި ކުރަމާ ހިނގާށެވެ. ކައިވެނީގެ ބޭރުން ޙަރާމް ގުޅުންތައް ބޭއްވުމާ ދުރުވެ ﷲ ގެ އަޒާބަށް ބިރުވެތިވަމާ ހިނގާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް