ރާއްޖޭގެ ތަޖުރިބާކާރު ޑިފެންޑަރު އަޙްމަދު އަބްދުﷲ (ލިލީ)، ވިކްޓްރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ވިކްޓަރީން ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތަށް ޓީމު ވަރުގަދަ ކުރުމަށް މަސައްކަތްކުރަމުންދާ އިރު، ލިލީ ވެގެންދާނީ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިޔަކަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ގައުމީ ޓީމުގައި ވެސް ފާހަގަކޮށްލެވުނު ޑިފެންޑަރު ލިލީ، ވިކްޓްރީއަށް ކުޅުމަށް އެއްބަސްވުމުގައި ސޮއިކުރި އިރު، ކްލަބުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވިކްޓްރީގެ ބޯޑު މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.
ލިލީއާއެކު ވިކްޓަރީއަށް ކުޅުމަށް ވިޝާން އަބްދުލް މަޖީދު (ވިއްތަޅޭ) އަދި މުހައްމަދު ޔަފާއު (ޔާ) ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ދެވަނަ ޑިވިޝަނަށް ވިކްޓްރީން ނުކުންނާނީ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ގެ އިރުޝާދުގެ ދަށުންނެވެ. ޓީމު ވަރުގަދަކުރުމަށް ވިކްޓްރީއަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އާއި މާޒިޔާ އާއި ނިއު އިން ފެނުނު މިޑްފީލްޑަރު މޫސާ ޔާމީން (ޔާމްބެ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު އަދި ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ފާހަގަކޮށްލެވެއެވެ.
އެންމެ ފަހުން ޓީމާ ގުޅުނު ލިލީ އަކީ މާޒިޔާ އަދި ނިއުއާއެކު ވެސް ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.