ސާންޔާ މަލްހޯތްރާގެ ކޮމެޑީ ފިލްމު ނެޓްފްލިކްސްއަށް

ފިލްމީ ތަރި ސާންޔާ މަލްހޯތްރާގެ ކުރިޔަށްއޮތް ފިލްމު "ކަތަލް: އަ ޖެކްފްރުޓް މިސްޓްރީ" ނެޓްފްލިކްސްގައި ޕްރިމިއާކުރާގޮތަށް ނިންމައިފިއެވެ.

ސާންޔާ މަލްހޯތްރާ މިފިލްމުގައި ކުޅެނީ ފުލުސް އޮފިސަރެއްގެ ރޯލްއެވެ. ޔަޝޯވަރްދަން މިޝްރާ ޑައިރެކްޓްކޮށް އަޝޯކް މިޝްރާ ލިޔެފައިވާ ސްކްރިޕްޓަކަށް ބިނާކޮށް އުފައްދާ މި ފިލްމު ޕްރިމިއާކުރުމަށް ތާވަލުކުރެވިފައިވަނީ ކުރިޔަށްއޮތް މެއި މަހުގެ 19ވަނަ ދުވަހުއެވެ.

ބާލާޖީ ޓެލެފިލްމްސްއާއި ސިހްޔާ އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ މި ފިލްމަކީ ހަޤީޤީ ހާދިސާތައް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ފޮރުވިފައިވާ ސިއްރުތަކެއް ހޯދުމަށް މަސައްކަތްކުރާ ފުލުހެއްގެ ރޯލްއިން ސާންޔާ ފެންނައިރު މީގެކުރިން ކެރިއަރުގައި ނުފެންނަ ތަފާތު ގޮތަކަށް މި ފިލްމުން ސާންޔާ ފެންނާނެކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

ފިލްމުގައި ސާންޔާއާއެކު ފެންނަ ކޮންމެ ކެރެކްޓާއަކީވެސް މި ފިލްމަށް ވަރަށް މުހިއްމު ބައެއްކަމަށާއި މި ވާހަކަ ނެޓްފްލިކްސް މެދުވެރިކޮށް އެތައް މިލިއަން ބަޔަކަށް ގެނެސްދެވުމަކީ ލިބޭ އުފަލެއްކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ. ސާންޔާއާއެކު ފިލްމުން ފެންނާނެ އިތުރު ފިލްމީ ތަރިންގެތެރޭގައި ރާޖްޕަލް ޔާދަވް، ވިޖޭ ރާޒް، އަނަންތް ޖޯޝީ އަދި ނެހާ ސަރަފް ހިމެނެއެވެ.

ފިލްމު "ޑަންގަލް"އިން 2016ވަނަ އަހަރު ހިންދީ ސިނަމާއަށް ތަޢާރަފްވި ބަތަލާ ސާންޔާ އެންމެފަހުން ބެލުންތެރިންނާ ބައްދަލުކުރީ ފިލްމު މިދިޔަ އަހަރު ރިލީޒްވި ފިލްމު "ހިޓް: ދަ ފަސްޓް ކޭސް"އިންނެވެ. ފިލްމު "ކަތަލް"ގެ އިތުރުން ސާންޔާ ވަނީ އިތުރު ދެ ފިލްމަކަށް ސޮއިކޮށްފައެވެ. އޭގެތެރެއިން އެއް ފިލްމަކީ، އެކްޓަރު ޝާހްރުކް ޚާން ލީޑް ރޯލްއިން ފެންނަ ފިލްމު "ޖަވާން"އެވެ. މި ފިލްމު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 2ކަށެވެ.

comment ކޮމެންޓް