އީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ޗެކް ކުރަނީ

ފޮޓޯ: އެމްއެންޑީއެފް

ފިތުރު ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އީދު ބަންދަކީ ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރެއް ކަމުން އެމްއެއެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ކަނޑު މަތިން ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ އިތުރުން ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުންނެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 19 އިން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަނުގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބަލާނެ ކަމަށެވެ.

އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން ހިމެނެއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދު ފަހަރު ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް