މި އަހަރުގެ ފިތުރު އީދު ދުވަސް، ބަރަކާތްތެރި ހުކުރު ދުވަހަކާއި ދިމާވިކަމީ، މި ޢީދުގެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާ ސަބަބެއްކަމަށް މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ސިޔާމް ވިދާޅުވީ އުފާވެރިކަން އިތުރުވާ ސަބަބަކީ، މި ޢީދު ދުވަހަކީ އަހަރުގެ ތެރޭގައި އަންނަ އެންމެ ބަރަކާތްތެރި ދުވަސްތަކުގެ ތެރެއިން ދުވަހަކަށްވެފައި، ހަފްތާގެ އެންމެ ބަރަކާތްތެރި ދުވަހަކީ ހުކުރުދުވަސް ކަމުގައި ވާތީ ކަމަށެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ މި މުނާސަބަތަކީ އުފާފާޅުކުރުމާއި، އޯގާތެރިކަމާއި، ދީލަތިކަން އިސްކުރުމުގެ މުނާސަބަތެއް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް، ބަރަކާތްތެރި ރަމަޟާންމަހުގެ އަޅުކަމުގައި ހޭދަކުރި ވަގުތުތަކުގެ ހަނދާން އައުކޮށް، އަޅުކަމުގެ މަތީގައި ދެމިތިބުމަށް ހިތްވަރުދޭ މުހިންމު މުނާސަބަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކަކުން ވެސް، ރަމަޟާން މަހެކޭ އެއްފަދައިން، އަހަރުގެ ކުރިއަށް މިއޮތް އެހެން މަސްތަކުގައި ދީނީ އަޅުކަންތައް ބަރާބަރަށް އަދާކުރުމަށް ސަމާލުކަންދީ، އެކަމުގެ މަތީގައި ދެމިތިބުމަށް މިއަދު އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.
މި ޢީދު އަޅުގަނޑުމެންނަށް އަންގައިދެނީ، ހުރިހާ އިންސާނުންނަކީ އެއް ޢާއިލާއެއްގެ މެންބަރުންތަކެއް ފަދަ ބަޔަކު ކަމެވެ. އެހެންކަމުން، މި އީދުގެ އުފަލުގައި މުޖުތަމަޢުގެ، ހުރިހާ ފަރާތްތަކެއް ބައިވެރިކޮށް، އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާކުރުމަށް މަސައްކަތް ކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރާކަމަށް ވިދާޅުވިއެވެ.