އަރަބިއްޔާ ސްކޫލުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ބައެއް އަންހެން ދަރިވަރުންނަށް ޔުނީފޯމާއެކު މޫނު ނޭޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގުމާ ގުޅިގެން އެ އެންގުން ހުއްޓުވައިދޭން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި މައްސަލަ، ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އަމިއްލަ ލޯ ފާމެއްކަމަށްވާ ރެހެނދި ޗެމްބާސް އިންނެވެ.
އެ ލޯ ފާމުން ބުނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމީ އެ ނިންމުމަކީ ގާނޫނީ ގޮތުން ރަނގަޅު ނިންމުމަކަށް ނުވާތީ ކަމަށެވެ. މި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް މޫނު ބުރުގާ ނަގަން އަންގާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން، މޫނު ބުރުގާ އަޅައިގެން ސްކޫލަށްދާ ކުދިންނަށް ސްކޫލަށް ހާޒިރު ނުވެވޭނޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތަށާއި، އެޑިއުކޭޝަން މިނިސްޓްރީއަށާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެއެވެ.
ނަމަވެސް ސިވިލް ކޯޓުން ބުނެފައިވަނީ މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ބައެއް ކަމަށް ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށެވެ. އަދި، ދައުވާ ހުށަހެޅި ފަރާތުން ކޯޓަށް މައްސަަލަ ހުށަހެޅީ ދަރިވަރުންގެ ފަރާތުން ކަމަށް ބުނެފައިވީ ނަމަވެސް މައްސަލައިގައި ބުނާ ދަރިވަރުންނަކީ ކޮބައިކަމާއި އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލްކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެއެވެ.
މީގެ އިތުރުން، މޫނު ބުރުގާ އަޅާ ދަރިވަރުން މޫނު ބުރުގާ އަޅަނީ ސްކޫލު ޔުނީފޯމު ކޯޑާ ހިލާފަށް ކަމަށްވީ ނަމަވެސް މައްސަލައިގައި ބުނާފަދައިން، ތައުލީމު ލިބުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައި ނެތްކަން މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތުގެ ބަހުން އެނގޭ ކަމަށްވެސް ކޯޓުން ބުނެއެވެ.
ސްކޫލްގެ ޔުނީފޯމް ކޯޑުގައި މޫނު ބުރުގާ ނުހިމެނޭކަން ފާހަގަކޮށް އެޑިއުކޭޝަނުން ވަނީ ޔުނީފޯމް ކޯޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އަރަބިއްޔާ ސްކޫލަށް އަންގާފައެވެ.