ކުޑަ އީދަށް މާފުއްޓާއި ތުލުސްދޫ ފުލް، ވަރަށް ފޯރިގަދަ!

ޢީދު ފާހަގަ ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަލަބޮލި މާހައުލުން ފެޔަށްޖެހި، އާއިލާއާ އެކު ވަގުތު ހޭދަކޮށްލުމަށް އީދަކީ އަބަަދުވެސް ރަނުގެ ފުރުސަތެކެވެ. ވަކިން ހާއްސަކޮށް، މާލޭ އޭރިއާގެ ކާރޫބާރުބޮޑު ހަލަބޮލި މި ސަރަހައްދުގައި އުޅޭ މީހުން އީދަށް ކުރާ އުންމީދު ބޮޑެވެ. އެކަމުގެ ތެރެއިން މާލެއާ ކައިރި ރަށްތަކަށް ދަތުރުކޮށް، އާއިލާ އެކީގައި އީދުގެ އުފާ ފާޅުކުރުމަކީ ޒަމާނުއްސުރެ ވެސް ކޮށް އުޅޭ ކަމެެކެވެ.

މި އަހަރުގެ ރަމަޟާން މަސް ނިމި، ކުޑަ އީދަށް މަރުހަބާ ކިޔާއިރު، ރާއްޖޭގައި ގެސްޓް ހައުސް އެންމެ ގިނަ ރަށް، އަދި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ކ. މާފުށި އޮތީ ވަރަށް ބާރުބޮޑުކޮށްނެވެ. އެ ރަށް މުޅިން ހެން ފުލްއެވެ. މިހާރު ވެސް މަދުވެގެން 2،000 ހާ ޓުއަރިސްޓުން އެރަށުގައި އުޅޭނެ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

"އީދަށް މިރަށް ވަރަށް ފުލް. މިހާރު ވެެސް 2،000 އެއްހާ ޓޫރިސްޓުން، އެއީ ދިވެހީންނާއި ބޭރު މީހުން އުޅޭނެ ކަމަށް މި އަންދާޒާ ކުރަނީ،" މާފުށީ ކައުންސިލުގެ ރައީސް ހަސަން ސަލާހް ވިދާޅުވިއެވެ.

ކ. މާފުށީ --- ފޮޓޯ/ މާފުށީ ކައުންސިލް

މާފުއްޓަކީ ޢާންމުކޮށް ވެސް ޓޫރިސްޓުން ގިނައިން ޒިޔާރަތްކުރާ ރަށެކެވެ. ނަމަވެސް އެ ރަށަށް ވެސް އޮފް ސީޒަން މަދުން ނަމަވެސް އާދެއެވެ.

އެކަމަކު މި ކުޑަ އީދާ އެކު، އެރަށުގެ ގެސްޓް ހައުސް އޮކިއުޕަންސީ ވެސް ފުލްއެވެ.

"މި ރަށުގެ ހުރިހާ ގެސްޓް ހައުސްތަކެއް މިހާރު ވެސް 100 ޕަސެންޓް ފުލް،" އޭނާ ވިދާޅުވިއެވެ.

އީދާ ގުޅިގެން އެ ރަށުގައި ހާއްސަ ހަރަކާތްތަކެއް އޮވޭތޯ ސުވާލުކުރުމުން، ހަސަން ސަލާހް ވިދާޅުވީ އީދު ފާހަގަ ކުރުމަށް ޝޯ އެއް ބޭއްވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ ޝޯ ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

މާފުށީގެ އިތުރުން އެ އަތޮޅު ތުލުސްދުއަށް ވެސް އީދު ފާހަގަކުރަން ގިނަ ބަޔަކު ވަނީ ގޮސްފައެވެ. މި ކަމާ ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ އެރަށުގައި ހުރި ގެސްޓް ހައުސްތައް ފުރި، ގާތްގަޑަކަށް 1،000 އެއްހާ މީހުން އެރަށަށް ވެސް އީދަށް ގޮސްފައިވާކަމަށް ކަމަށް ބެލެވޭ ކަމަށެވެ.

ކ. ތުލުސްދޫ

" ގާތްގަޑަކަށް މި ރަށުގައި 450 ކޮޓަރި އެއްކޮށް ފުލް. މި ބަލަނީ 1،000 އެއްހާ މީހުން މިރަށަށް އައިސްފައިވާ ކަމަށް،" އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެކަމުގެ ހެއްކަކީ އެރަށަށް ދަތުރުކުރާ ފަސް ލޯންޗުން، ކޮންމެ ލޯންޗެއް ހަ ދަތުރު މާލެ އާއި ތުލުސްދޫ އާ ދެމެދު ކުރަން ޖެހުން ކަމަށެވެ.

"މި ރަށުގައި އޮންނަ ފަސް ލޯންޗުން ކޮންމެ ލޯންޗެއް ކުރޭ ދުވާލަކަށް ފަސް ދަތުރު، މިހާރު ހަ ދަތުރު. އެ ހުރިހާ ލޯންޗެއް ފުލް. އޭގެ ތެރޭގައި ހިމެނޭ 58 މީހުންގެ ޖާގައާއި 38 މީހުންގެ ޖާގަ ވެސް،" އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެރަށަށް އާއްމުން ދަތުރުކުރުމަށް 115 މީހުންގެ ފެރީއެއް ވެސް އޮންނަ ކަމަށާއި، އެ ފެރީ ވެސް އޮންނަނީ ފުލްކޮށް ކަމަށެވެ.

ރަށްރަށުގެ އިތުރުން، މާލޭގައި އީދުގައި ތިބޭ މީހުން ވެސް މާޔޫސްވާނެކަމެއް ނެތެވެ. މާލޭގައި އީދު ފާހަގަ ކުރުމަށް ހޯމް މިނިސްޓްރީ އިން ވެސް ގިނަ ކަންތަކެއް ކުރުމަށް ދަނީ ރާވަމުންނެވެ. އެގޮތުން ޔޫތް ލީޑާސް ނެޓްވޯކް އާ ގުޅިގެން ބޮޑު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ދިވެހި ސިފައިންގެެ ހިދުމަތުން އީދު ދުވަހުގެ ހަވީރު މާލޭގައި ޕެރޭޑެއް ބާއްވާއިރު، މާލޭގެ ޖުމްހޫރީ މައިދާނުގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަ ޖެހިފައެވެ.

comment ކޮމެންޓް