މެޓާގެ ގިނަ އަދަދެއްގެ މުވައްޒަފުން މި ހަފުތާގައި ވަކިކުރަނީ

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާގެ ގިނަ އަދަދެއްގެ މުވައްޒަފުން މި ހަފުތާ ތެރޭގައި އަނެއްކާ ވެސް ވަޒީފާއިން ވަކިކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކުންފުނީގެ ކަންކަން ހަމައަކަށް އެޅުވުމަށް މި ހިނގާ 2023ވަނަ އަހަރު ޚާއްޞަ އަހަރަކަށް ހަދާނެކަމަށް މެޓާގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވެފައިވާއިރު، މި ފަހަރުގެ ގިނަބަޔަކު ވަޒީފާއިން ވަކިކުރާ މި ބުރަކީ ވެސް އެ ކުންފުނި ރިސްޓްރަކްޗާ ކުރުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވޮކްސް އިން ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ މާޗު މަހު ޒަކަބާގް ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގައި އެ ކުންފުނިން 10،000 މުވައްޒަފުން ވަޒީފާތަކުން ވަކިކުރާނެ ކަމަށާއި އިސްކަން ދޭނީ ކުދިކުދި ޕްރޮޖެކްޓްތަކާ ގުޅޭ މަޤާމްތަކުގައި ތިބި މުވައްޒަފުން ވަކިކުރަން ކަމަށް ވެސް ވޮކްސްގެ ރިޕޯޓްގައި ބުނެފައިވެއެވެ.

މި ހަފުތާގައި ގާތްގަޑަކަށް 4،000 މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށް ވޮކްސް އަށް މައުލޫމާތު ދިން ފަރާތަކުން ބުނިކަމަށް އެނޫހުން ރިޕޯޓްކޮށްފައިވާއިރު، މިއީ މީގެ ކުރިން މި ހިނގާ އެޕްރީލް މަހު ވަޒީފާއިން ކަނޑާލާނެކަމަށް ޒަކަބާގް ވިދާޅުވި މީހުންނަށް ވެދާނެ ކަމަށާއި، އެހެން ވެއްޖެނަމަ މިފަހަރުގެ މި ކަނޑާލުމުން ޓެކް ޑިޕާޓްމަންޓްތަކުގެ ރޯލުތަކަށް އަސަރުކުރާނެކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި، މީގެއިތުރުން ކުރިއަށްއޮތް މެއި މަހުވެސް އިތުރުބަޔަކު ވަޒީފާއިން ވަކިކުރަން ރާވާފައިވާ ކަމަށް ވެސް ވޮކްސްއިން ރިޕޯޓްކޮށްފައިވެއެވެ.

އޮގްމެންޓެޑް އަދި ވާޗުއަލް ރިއަލިޓީ އެކްސްޕީރިއެންސްއަށް ހާއްސަކޮށްފައިވާ ޔުނިޓް ކަމަށްވާ ފޭސްބުކް އެޕްލިކޭޝަނާއި ރިއަލިޓީ ލެބްސްގެ ތެރޭގައި ހިމެނޭ ގިނަ ޕްރޮޖެކްޓްތަކާއި ޓީމްތަކަށް ވަރަށް އަވަހަށް މިއަސަރުތައް ފެންނާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ބިޒްނަސް އިންސައިޑާގެ ރިޕޯޓެއްގައި ވާގޮތުން މެޓާ އިން މަސައްކަތް ކުރަނީ އެކުންފުނީގެ މެޓާވާސް ގޭމްބަލް ޓްރެޑިޝަނަލް ގޭމަރުންނަށް މާކެޓް ކުރުމަށް ކަމަށްވާތީ ގޭމް އުފެއްދުމުގެ މަސައްކަތް ކުރާ މީހުން މި ވަގުތަށް ވަޒީފާތަކުގައި ރައްކާތެރި ކަމާ އެކު ތިބޭނެއެވެ.

އެއީ މެޓާ އާއި ޒަކަބާގްގެ ސްޓްރެޓެޖިކް ޕްލޭނަކަށް ވެދާނެ ކަމަށާއި ސަބަބަކީ މެޓަވާސް އަކީ އިޖުތިމާއީ މުއާމަލާތްތަކާއި މަސައްކަތާއި އީ-ކޮމާސް ކުރިއަރުވާ ޕްރޮޖެކްޓެއްގެ ގޮތުގައި މެޓާއިން ޕްރޮމޯޓްކޮށްފައިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން މެޓާއިން ވަނީ އެ ކުންފުނީގެ ސޯޝަލް ވީއާރް ޕްލެޓްފޯމް ހޮރައިޒަން ވޯލްޑްސް އަށް ބިލިއަން ޑޮލަރުން އިންވެސްޓް ކޮށްފައެވެ. ނަމަވެސް ހޮރައިޒަން ވޯލްޑްސް ހަގީގަތުގައި ކުރިއަށް ނުދާއިރު މިދިޔަ އަހަރު ނިމުނުއިރު މަހަކު އެކްޓިވް ކޮށް އުޅެނީ ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުންނެވެ. އެހެންކަމުން ވަޒީފާތަކުން މީހުން ވަކިކުރުމާއި މިކަމާ ވެސް ބައެއް ފަރާތްތަކުން ވަނީ ގުޅުވާލާފައެވެ.

މެޓާފަދަ ބޮޑެތި ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަކީ މިފަހަކަށް އައިސް ވަރަށް ޢާއްމު ކަމަކަށް ވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ގޫގުލް އާއި، މައިކްރޯސޮފްޓުން ވެސް އިތުރުބަޔަކު ވަޒީފާތަކުން ކަނޑާލާނެކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު