އަހަރުގެ މެދާ ހަމައަށް ދާއިރު ޗައިނާ ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ ވާނެ ކަމަށް އދ ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އދ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ އާބާދީ 1.4286 ބިލިއަނަށް އަރާފައިވާއިރު ޗައިނާގެ އާބާދީއަކީ 1.4257 ބިލިއަން މީހުންނެވެ. މިއީ ޗައިނާއާ އަޅާ ބަލާއިރު ތިން މިލިއަން މީހުންގެ އާބާދީގެ އިތުރުވުމެކެވެ.
ބީބީސީއަށް ދިން އިންޓަވިއުއެއްގައި އދ ގެ ޗީފް އޮފް ޕޮޕިއުލޭޝަން ޕެޓްރިކް ޖާލަންޑް ވިދާޅުވީ އިންޑިއާގެ އާބާދީގެ އަސްލު ޑޭޓާއެއް ނެރެފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ގައުމުގެ އާބާދީއާ މެދު ކުށްހީތަކެއް އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގައި 2011 ވަނަ އަހަރުގެ ފަހުން އަދި މިހާތަނަށް ބޯހިމަނާފައެއްވެސް ނުވެއެވެ.
އިންޑިއާ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އަހަރީ އާބާދީ އިތުރުވެފައިވަނީ އެވްރެޖްކޮށް 1.2 ޕަސެންޓެވެ. އެހެންނަމަވެސް އޭގެ ކުރީ 10 އަހަރު 1.7 ޕަސެންޓް ކުރިއަރާފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ޗައިނާގެ އާބާދީ ފަހަކަށް އައިސް ދަށަށް ގޮސްފައިވާއިރު، އެ ގައުމުގެ އާބާދީ މިދިޔަ އަހަރު ވަނީ 1961 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައެވެ.
މިކަން ހައްލު ކުރުމަށް އެ ގައުމު ސަރުކާރުން ވަނީ ވިހެއުމުގެ ނިސްބަތް އިތުރު ކުރުމަށް ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން 2016 ވަނަ އަހަރު ކަނޑައަޅާފައިވާ، ކޮންމެ ދެމަފިރިއަކު އެއް ކުއްޖަކު ހޯދުމުގެ ސިޔާސަތު ދޫކޮށް، ދެ ކުދިން ނުވަތަ އެއަށްވުރެ ގިނަ ކުދިން ހޯދުމަށް ވަނީ ބާރުއަޅާފައެވެ.
އެހެންނަމަވެސް ބޭރުގެ ރިޕޯޓްތައް ބުނާގޮތުން އެ ފިޔަވަޅުތަކާ އެކުވެސް އެ ގައުމުގެ އާބާދީއަށް މާބޮޑު ބަދަލުތަކެއް އަންނަކަން ފާހަގަކުރެވިފައެއް ނުވެއެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، އަންހެނުން ވަޒީފާގެ ބާޒާރަށް ވަންނަ މިންވަރު އިތުރުވުމަކީ ޗައިނާގެ އާބާދީ ދަށަށް ދާން މެދުވެރިވާ ކަންކަމެވެ.
އދ ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މެދުތެރޭގައި ދުނިޔޭގެ އާބާދީ 8.045 ބިލިއަނަށް އަރާނެއެވެ.