ގޫގުލް މެޕްސްގެ 'އިމާސިވް ވިއު' ފީޗާއިން ސިޓީތަކާއި އިމާރާތްކުގެ އެތެރެ ބަލާލެވޭނެ: ރިޕޯޓް

ގޫގުލް މެޕްސްއިން ދާދި ފަހުން ވަނީ "އިމާސިވް ވިއު"ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކޮށްފަ -- ފޮޓޯ/ ގޫގުލް

ގޫގުލް މެޕްސްއިން ދާދި ފަހުން ވަނީ "އިމާސިވް ވިއު"ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކޮށްފައެވެ. އޮންލައިން ރިޕޯޓްތައް ބުނާގޮތުން މި ޚާއްޞަ ފީޗާއިން އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް އިންގިލާބީ ބަދަލެއް އަންނާނެއެވެ. އެގޮތުން ގޫގުލް މެޕްސްގެ 'އިމާސިވް ވިއު' ފީޗާއިން ސިޓީތަކާއި، ބައެއް އިމާރާތްކުގެ ވެސް އެތެރޭގެ މަންޒަރުތައް ބަލާލެވޭނެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ގޫގުލްއިން އިއުލާނުކުރި މި އާ ފީޗާ ހުރިހާ ޔޫޒަރުންނަށް މިހާތަނަށް ނުލިބުނު ނަމަވެސް ގޫގުލްއިން އަންނަނީ ބައެއް ކަސްޓަމަރުންނަށް މި ފީޗާ ތައާރަފު ކުރަމުންނެވެ.

އިމާސިވް ވިއުއަކީ ގޫގުލް މެޕްސްގައި ހިމެނޭ ތަންތަން ދެނެގަތުމުގެ އާ މަގެކެވެ. މެޕްކުރެވިފައިވާ ސަރަހައްދުތަކުގެ ވަގުތާއި މޫސުމާބެހޭ ތަފާތު މައުލޫމާތުތަކާއެކު މަގުބޫލު ތަންތަނާއި ލޭންޑްމާކްތަކުގެ ފޮޓޯތައް މި ފިީޗާއިން ކުރިއަށް ވުރެ ފުޅާކޮށް ފެންނާނެއެވެ.

މި ފީޗާގައި ސިޓީއެއްގެ ހިތްގައިމު މަންޒަރާއި އެ ސިޓީގެ މަންޒިލްތަކާއި، އެ ސިޓީއާ ބެހޭ ގޮތުން އެނގެން ޖެހޭ ނުވަތަ ޒިޔާރަތް ކުރާނެ ތަންތަނުގެ ލަފަޔާއި، ބައެއް އިމާރާތްތަކުގެ އެތެރޭގެ މަންޒަރުތައް އެކުލެވިގެންވެއެވެ. އަދި އެއް ތަނެއް ތަފާތު ވަގުތުތަކުގައި ނުވަތަ ތަފާތު މޫސުމުގައި ފެންނާނެ ގޮތް ވެސް ދައްކުވައިދޭނެއެވެ.

އިމާސިވް ވިއު މިހާރު ބައެއް ޔޫޒަރުންނަށް ބޭނުން ކުރެވޭގޮތަށް ދޫކުރަމުންދާއިރު، ލަންޑަނާއި ބާލިން ފަދަ ސިޓީތަކުގެ މަންޒަރުތައް އެ ފީޗާގެ އެހީގައި ފެންނާނެއެވެ. ގޫގުލް އިން ބުނީ އިމާސިވް ވިއު އެންމެ ފުރަތަމަ ލިބޭނީ އެމެރިކާގެ ލޮސް އެންޖެލިސް، ނިއުޔޯކް، ސެން ފްރެންސިސްކޯ އަދި ޖަޕާނުގެ ޓޯކިޔޯ ފަދަ ސިޓީތަކުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ގޫގުލް މެޕްސް އިމާސިވް ވިއު އަޕްޑޭޓް އޮޓޯއިން ލިބޭނެއެވެ.

ނަމަވެސް އެ އާ ފީޗާގެ ސަބަބުން ދިމާވެދާނެ އެއް ކަމަކީ ފޯނުގެ ޑޭޓާގެ ޚަރަދު ބޮޑުވުމެވެ. އެގޮތުން އެ ފަންކްޝަނާއެކު ގާތްގަނޑަކަށް 30 މިނެޓަށް މެޕް ބޭނުންކޮށްފިނަމަ ގާތްގަނޑަކަށް ދެ ގިގަބައިޓްގެ ޑޭޓާ ޚަރަދުވާނެކަމަށް ބެލެވެއެވެ. އެހެންވެއްޖެނަމަ މިއީ ޑޭޓާ ޕްލޭން ހަދާއިރު ވިސްނާލަން ޖެހިދާނެ ކަމެކެވެ.

އިމާސިވް ވިއު ފީޗާ މިހުސްވި ފެބްރުއަރީ މަހުގެ ތެރޭގައި ގޫގުލް އިން ދޫކުރަން ފެށިނަމަވެސް އާންމުކޮށް މިފީޗާ ލިބޭނީ އަދި ކޮން ދުވަހަކުން ކަމެއް ގޫގުލްއިން ހާމަކޮށްފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު