އަރަބިއްޔާ ސްކޫލުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ބައެއް އަންހެން ދަރިވަރުންނަށް ޔުނީފޯމާއެކު މޫނު ނޭޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގުމާ ގުޅިގެން އެ އެންގުން ހުއްޓުވައިދޭން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ގާނޫނުނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް މޫނު ބުރުގާ ނަގަން އަންގާފައިވާ ކަމަށް ބުނެއެވެ.
މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން، މޫނު ބުރުގާ އަޅައިގެން ސްކޫލަށްދާ ކުދިންނަށް ސްކޫލަށް ހާޒިރު ނުވެވޭނޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތަށާއި، އެޑިއުކޭޝަން މިނިސްޓްރީއަށާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެއެވެ.
ނަމަވެސް ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައިވަނީ މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ބައެއް ކަމަށް ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށެވެ. އަދި، ދައުވާ ހުށަހެޅި ފަރާތުން ކޯޓަށް މައްސަަލަ ހުށަހެޅީ ދަރިވަރުންގެ ފަރާތުން ކަމަށް ބުނެފައިވަނީ ނަމަވެސް މައްސަލައިގައި ބުނާ ދަރިވަރުންނަކީ ކޮބައިކަމާއި އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލްކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށް ވެސް ކޯޓުގެ ނިންމުމުގައި ވެއެވެ.
މީގެއިތުރުން، މޫނު ބުރުގާ އަޅާ ދަރިވަރުން މޫނު ބުރުގާ އަޅަނީ ސްކޫލު ޔުނީފޯމު ކޯޑާ ހިލާފަށް ކަމަށްވީ ނަމަވެސް މައްސަލައިގައި ބުނާފަދައިން، ތައުލީމު ލިބުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައި ނެތްކަން މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތުގެ ބަހުން އެނގޭ ކަމަށްވެސް ކޯޓުން ބުނެއެވެ.
ސްކޫލްގެ ޔުނީފޯމް ކޯޑުގައި މޫނު ބުރުގާ ނުހިމެނޭ ކަން ފާހަގަކޮށް އެޑިއުކޭޝަނުން ވަނީ ޔުނީފޯމް ކޯޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އަރަބިއްޔާ ސްކޫލަށް އަންގާފައެވެ.
އަރަބިއްޔާގެ ބައެއް ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، އަމިއްލަ ލޯ ފާމެއްކަމަށްވާ ރެހެނދި ޗެމްބާސް އިންނެވެ.