ކޮވިޑް ކޭސްތައް ގިނަވެ، ޕޮޒިޓިވް އަދަދު 100އިން މައްޗަށް

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މި ހަފްތާގައި ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

މިދިޔަ ހަފްތާގައި ކޮވިޑް ޖެހިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ރިޕޯޓްކޮށްފައި ވަނީ 84 ކޭހެވެ.

(އެޗްޕީއޭ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 15 ވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދު ތަކުން 148 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މާލެ ސަރަހައްދުން 100 މީހަކާއި އަތޮޅުތެރެއިން 11 މީހުން އަދި ސިނާއީ ރަށްތަކާއި ރިސޯޓްތަކާއި ސަފާރީތަކުން 37 މީހަކު ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި ކޮވިޑް ޖެހިގެން 28 މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ކޮށްގެން ފަރުވާދެމުންނެވެ.

ރާއްޖެއިން ޖުމުލަ 186042 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު އެ ބަލީގައި މިހާތަށް މަރުވީ 311 މީހުންނެވެ.

ކޮވިޑް ކޭސްތައް މިދިޔަ ދުވަސްތަކުގައި ވަރަށްް ބޮޑަށް ދަށް ނަމަވެސް މިއަހަރުގެ ފިތުރު ޢީދާއި ސުކޫލް ޗުއްޓީއާ ދިމާވާ ގޮތަށް ރާއްޖެއިން އެ ބަލި ޖެހޭ މީހުންގެ އަދަދު މިވަނީ މައްޗަށް ދާން ފަށާފައެވެ.

އޭގެ އިތުރުން މިދުވަސް ވަރުހުމާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް