މާފަރު އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް، ޖެޓުތަކަށް ޕާކިން ޖާގަ އިތުރުކުރަނީ

މާފަރު އެއާޕޯޓު -- ސަން ފޮޓޯ: އާއިޝަތު ފަރީހާ އަބްދުﷲ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް، އެ އެއާޕޯޓްގައި ޖެޓުތަކަށް ޕާކުކުރެވޭނެ ޖާގަ އިތުރުކުރަން ނިންމައިފައިވާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އެ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެކަން ފާހަގަކުރައްވާ މިހާދު ވިދާޅުވީ މާފަރު އެއާޕޯޓުގައި ފިއުލްގެ ހިދުމަތް ދޭން ފަށައިފައިވާނެ ކަމަށެވެ. އަދި ސަރުކާރާއި އަބޫދާބީ ފަންޑު ގުޅިގެން އެ އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މޯލްޑިވިއަންއިން އެ އެއާޕޯޓްގެ ރަންވޭ އެކްސްޓެންޝަންގެ މަސައްކަތްކުރާނެ ކަމަށް މިހާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަންވޭ ބޮޑުކުރުމާއެކު މާފަރަށް ވެސް ބައިނަލްއަގްވާމީ ދަތުރުތައް ފެށޭނެއެވެ.

މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ކައިރީގައިވާ މާފަރު އެއާޕޯޓަކީ ރާއްޖެއަށް އަންނަ ގިނަ ޕްރައިވެޓު ޖެޓުތަކުން ބޭނުންކުރާ އެއާޕޯޓެވެ. މިކަން ފާހަގަކުރައްވަމުން މިހާދު ވިދާޅުވީ މާފަރު އެއާޕޯޓަށް ޖައްސާ ޖެޓުތަކުގެ އަދަދު އިތުރުވަމުންދާ ކަމަށާއި އެހެންކަމުން އެ ތަނުގެ ޕާކިން އޭރިއާ ބޮޑުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"އެއީ [ޕާކިން އިތުރުުކުރުމަކީ] ވަރަށް ރަނގަޅުކަމެއް. އަޅުގަނޑުމެންނަށް ރަނގަޅު އާމްދަނީއެއް ވެސް ލިބޭކަމެއް،" މިހާދު ވިދާޅުވިއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކޮށްފައެވެ.

އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މިހާރު އޮތް 2.2 ކިލޯމީޓަރުގެ ރަންވޭ 2.5 ކިލޯމީޓަރަށް އިތުރު ކުރުމާއި، ރަންވޭ ރީސާފޭސް ކުރުމުގެ އިތުރުން އެއާޕޯޓްގެ ދިގުމިން 2.85 ކިލޯމީޓަރަށް ބޮޑުކުރުމެވެ.

މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގައެވެ.

comment ކޮމެންޓް