ޔަމަނުގައި ހިނގާ ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް ސައުދީން ކުރާ މަސައްކަތަށް ރާއްޖޭގެ ތާއީދު

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ---

ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، ފުރިހަމަ ސިޔާސީ ހައްލެއް ހޯދުމަށް ސައުދީ އަރަބިއާއިން އިސްވެ ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިކަން އިއުލާނުކުރީ، އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައެވެ. އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ސަޢުދީން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މުޙައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންއާގައި މި މަހުގެ އަށަކުން 13އަށް ސައުދީ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށް އެކަމަށް މަރުޙަބާ ކިޔާފައެވެ.

އެ ބައްދަލުވުންތަކަކީ 2021 ވަނަ އަހަރުގެ މާޗް މަހުގައި އިއުލާނު ކުރެވުނު ސައުދީ އިނީޝިއޭޓިވް އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގައި ޔަމަނުގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން އދ. އިން އިއުލާނު ކުރީއްސުރެ އެ ގައުމުގެ މަސްރަހަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކުރި ބައްދަލުވުންތަކެއްކަން ކަމަށް އެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު، އެ ބަޔާނުގައި ވަނީ ޔަމަނުގައި ތަރައްގީ އާއި ފާގަތިކަމާއި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެމުން އަންނަ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ޔަމަނުގެ ގާނޫނީ ސަރުކާރަށާއި ޙޫޘީންނަށް ގޮވާލާފައެވެ.

ދެހާސް ސާދަ ވަނަ އަހަރު ޔަމަނުގެ ވެރިރަށް ސަންއާއަށް ހޫޘީން އަރައިގަތުމުން އެ ޖަމާއަތާއި އެގައުމުގެ ސަރުކާރާ ދެމެދު ފެށި ހަނގުރާމައިގައި މިހާތަނަށް 150،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ.އިން ބުނެއެވެ.

comment ކޮމެންޓް