ވޭމަންޑުއާއި ކިނބިދޫ ކޯޒްވޭގެ ޑިޒައިނަށް ބަދަލުތަކެއް، އަގު 40 އިންސައްތަ ކުޑަވާނެ

ޕްލޭނިންގް މިނިސްޓަރު މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ--- ފޮޓޯ/ މަޖިލިސް

ތ. ވޭމަންޑޫ އާއި ކިނބިދޫ ގުޅާލާ ކޯޒްވޭގެ ޑިޒައިނަށް ބަދަލުތަކެއް ގެނަސްފައިވާ ކަމަށާއި އޭގެ ސަބަބުން އެ ކޯޒްވޭއަށް ދާ އަގު، 40 އިންސައްތަ ކުޑަވެގެންދާނެ ކަމަށް އިންޖިނިއަރުން ލަފާކޮށްފައިވާ ކަމަށް ޕްލޭނިންގް މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ވަނީ ކޯޒްވޭ އެޅުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދަކަށް ވާއިރު އެ މަސައްކަތް ފެށޭނެ ތާރީޚަކީ ކޮބައިތީ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުމުގެ ކުރިން އެ މަސައްކަތް ޓެންޑަރަށް ހުޅުވާލެވިގެން ދާނެ ކަމަށެވެ.

މިދިޔަ އަހަރުވެސް އެ ސުވާލު ކުރައްވާފައިވާ ކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މަޝްރޫއުގެ އަގު ބޮޑުވުން ކަމަށެވެ. އެ މަސައްކަތުގެ އަގު 500 މިލިއަނަށް ވުރު ބޮޑު ކަމަށް އަސްލަމް ވިދާޅުވިއެވެ. ވުމާއެކު، ވެލިއު އިންޖިނިއަރިންގް ހަދައިގެން މި މަސައްކަތް ތަންކޮޅެއް ކުޑަ އަގެއްގައި ކުރެވޭނެ ގޮތެއް ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އެގޮތުގެ މަތިން މަސައްކަތް ކޮށް، ކޯޒްވޭގެ ޑިޒައިނަށް މިހާރު ބަދަލުތަކެއް ގެނަސްފައިވާ ކަމަށެވެ. އެއީ އެލާޔާ ވޭމަންޑޫ އަދި އެލާޔާ ކިނބިދޫގެ ދެމެދުވާ ސަރަހައްދު އެކީގައި ޕައިލްގަ ކޯޒްވޭ ނުހަދާ ރަށްތަކެއް ހެދުމަށްފަހު ކޯޒްވޭ ސެކްޝަންތަކެއް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ މިހާރު އަޅުގަނޑުމެން މިވަނީ އެލާޔާ ވޭމަންޑުއާ ދޭތެރޭގައި 150 މީޓަރުގެ ހަތަރު ބްރިޖް ސެކްޝަން އަދި ތިން އައިލެންޑް ސެކްޝަން ލާފަ. ހަމައެގޮތަށް އެލާޔާ ކިނބިދުއާ ދޭތެރޭގައި އެއް ބްރިޖް ސެކްޝަނާ ދެ އައިލެންޑް ސެކްޝަން ލާން. މިހެން ހެދީމަ އަޅުގަނޑުމެންނަށް މި ކޯޒްވޭއަށް ދާ އަގު އެބަ ދަށް ކުރެވޭ ގާތްގަނޑަކަށް 40 ޕަސެންޓުން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މިހާރު ކުރިޔަށް ދަނީ ހައިޑްރޯ ޑައިނަމިކް މޮޑެލްއެއް ހެދުމުގެ މަސައްކަތް ކަމަށެވެ. އެފަދަ މޮޑެލްއެއް ހަދަން ޖެހޭ ސަބަބަކީ އުދަ އަރާ ދުވަސްވަރު، ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު އޮތުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެކީގަ ބަންދުކޮށް ނުލި ނަމަވެސް އައިލެންޑްތަކެއް ހަދާފަ ބްލޮކް ކޮށްލީމަ ދިމާވާ މައްސަލަތަކަކީ ކޮބައިތޯ ޔަގީން ކޮށްލުން އެއީ،"

މިނިސްޓަރު އަސްލަމް އެ ސުވާލަށް ޖަވާބު ދެއްވުމުން ދެވަނަ ފުރުސަތުގައި ވެސް މެމްބަރު ރިޔާޒް ވަނީ އެއީ ރިޔާސީ ވައުދަކަށް ވީ ނަމަވެސް އެ މަސައްކަތް ނުފެށިވާ ކަން ތަކުރާރު ކޮށް ފާހަގަ ކުރައްވާފައެވެ.

އެކަމަށް ރައްދުދެއްވާ، އަސްލަމް ވިދާޅުވީ އެއީ ރިޔާސީ ވައުދެއް ނަމަވެސް ތިމާވެއްޓަށް އަސަރު ކޮށްފާނެ އެފަދަ މަޝްރޫއަކާ ގުޅޭ ދިރާސާއެއް ނުހަދާ އެފަދަ މަސައްކަތެއް ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.

"ރިޔާސީ ވައުދެކޭ ކިޔާފަ މިކަން ނުވެ އޮތޭ ބުނެވިދާނެ ވަރަށް ބާރު ލާފަ. އަޅުގަނޑު އެއްބަސްވަން މިކަން ނުވެ އޮތީ. އެކަމު އަޅުގަނޑު މި ކިޔާދިނީ މިކަމުގައި ހުރި ކޮމްޕްލިކޭޝަންސްތައް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެންމެން ވެސް ވައުދު ވާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްތައް ކުރަމުންދަނީ ވައުދުތައް ފުއްދަން ކަމަށް ވެސް ވިދާޅުވިއެވެ. އަސްލަމް ވަނީ ކޯޒްވޭގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވާފައެވެ.

އެކަމުގެ އަމަލީ މަސައްކަތް ފެށުނު ނަމަވެސް މުޅި މަޝްރޫއު މި ދައުރު ނިމެންވާއިރަށް ނުނިމޭނެ ކަމަށް އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް