ނ. މަނަދޫ އިން ޒަޚަމްތަކަކާ އެކު މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ ފަހަތުގައިވާ ގާތިލް ހޯދާނެ ކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ދެއްވައިފިއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ހުޅުމާލޭގައި ރަހުމްކުޑަކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާ ލިބޭ އަދުހަމް މުޙައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅުވައެވެ.
އެގޮތުން ކުރެއްވި ޓްވީޓުގައި ސީޕީ ހަމީދު ވިދާޅުވީ, އަދުހަމްގެ މައްސަލައިގައި ވެސް ކުރި ހޯދުނީ, ފުލުހުންގެ ތަހުގީގު ޓީމާއި ފޮރެންސިކް ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
ހަމައެގޮތަށް ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ވެސް ފުލުހުން ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކޮޅެއްގައި ޖައްސާނެ ކަމުގެ އިތުބާރާއި ޔަގީންކަން އެ މަސައްކަތް ކުރަމުން އަންނަ އިންވެސްޓިގޭޓަރުންނާއި، ފޮރެންސިކްސް އަދި ލޯކަލް ޕޮލިސް ޓީމުން ފުރިހަމައަށް އެބައޮތް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
މަރާލާފައި އޮށްވައި ފެނުނު ނައީމާ އާއި އޭނާގެ ސަންދޯއް-- ސަން ގްރެފިކްސް
އެ ޓްވީޓުގައި އަދުހަމްގެ މައްސަލާގައި މިއަދު ކުރި ހުކުމަކީ ނުނިމި އޮތް އިތުރު ތަހުގީގެއްގެ ނަތީޖާ ކަމަށް ކޮމިޝަނާ ވިދާޅުވިއެވެ.
"ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް، ފޮރެންސިކްސް އަދި ހުޅުމާލެ ޕޮލިސްގެ އެހީތެރިކަމާއެކު ހުކުމް ކުރެވިގެން ދިޔަ 2019 ވަނަ އަހަރުގެ މި މައްސަލައަށް އަޅުގަނޑު އަމިއްލައަށް މަރުހަބާ ކިޔައިފިން. އެމީހުންނާމެދު އަޅުގަނޑު ވަރަށް ފަޚުރުވެރިވަން" ކޮމިޝަނާ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
https://twitter.com/m_hameedh/status/1647582482882260993?s=52&t=scHQKPqPEz1vI8LKN5NYVQ
ނައީމާ ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހުއެވެ. އޭނާގެ ޚަބަރެއް ނުވެގެން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު އިރުއޮއްސި 6:13 ހާއިރެވެ
މި މަރަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީއިރު އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ފުލުހުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ ރަށުގެ ގޭގެއަށް ގޮސް މައުލޫމާތު ނަގައި ބައެއް މީހުންގެ ފިންގާޕްރިންޓް ފަދަ ސާމްޕަލްތައް ނެގުމެވެ.
ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލުތަކެއް ފުލުހުން އަދި ހިއްސާނުކުރެއެވެ.