އޭއައިގެ ތަރައްގީ މަޑުޖައްސާލަން ގޮވާލާ ސިޓީއަށް އޯޕަން އޭއައިގެ ވެރިޔާގެ ރައްދެއް

އޯޕަން އޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން --- ފޮޓޯ/ ބްލޫމްބާގް

އީލޯން މަސްކް އާއި ޓެކްނޮލޮޖީ ދާއިރާގެ އެހެން ބައެއް ތަޖުރިބާކާރުން، އާޓިފިޝަލް އިންޓެލިޖެންސް ތަރައްގީ ކުރުން މަޑުޖައްސާލުމަށް ގޮވާލާ އާންމުކުރި ސިޓީއަށް އޯޕަން އޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ރައްދު ދީފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޯޕެންއޭއައި އިން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ޗެޓްޖީޕީޓީ ތައާރަފު ކުރި ފަހުން އެ ދާއިރާއަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައެވެ.

ހިލޭ ލިބޭ ޗެޓްބޮޓެއްގެ ގޮތުގައި ފުރަތަމަ ތައާރަފުކުރި ޗެޓްޖީޕީޓީއަށް ފައިސާ ދައްކައިގެން ބޭނުން ކުރެވޭ ވާޝަންއެއް ވެސް ފަހުން ވަނީ ނެރެފައެވެ.

ޗެޓްޖީޕީޓީގެ ކާމިޔާބީއަށް ފަހު މައިކްރޮސޮފްޓް އާއި ގޫގުލް ފަދަ އެހެން ބޮޑެތި ކުންފުނިތަކުން ވެސް ވަނީ ބިންގް އާއި ބާޑް ފަދަ އަމިއްލަ އޭއައި ޓޫލްތައް ތައާރަފުކޮށްފައެވެ. ދާދި ފަހުން މެޓާއިން ވެސް ވަނީ ތަސްވީރެއްގެ ތެރޭގައި ހުންނަ އެކި ތަކެތި ދެނެގަނެވޭ ބަހުގެ މޮޑެލް އެއް އިއުލާންކޮށްފައެވެ.

އޭއައި ޓެކްނޮލޮޖީ ހަލުވިކަމާ އެކު ފުޅާވަމުން ދިޔަ ނަމަވެސް، ބައެއް ޓެކް ލީޑަރުން ވަނީ ސަމާލުވުމަށް ގޮވާލައި، އެ ޓެކްނޮލޮޖީ ތަރައްގީ ކުރުން ހަ މަސް ދުވަހަށް މަޑުޖައްސާލުމަށް ގޮވާލައި އާންމުކޮށް ހުޅުވާލާފައިވާ ސިޓީއެއްގައި ސޮއިކޮށްފައެވެ.

އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން މިހާރު ވަނީ އެ ސިޓީއަށް ރައްދުދީ، އެ ސިޓީގައި އެއްވެސް އޮއްޓަރެއް ނެތްކަމަށް ބުނެފައެވެ.

ބިޒްނަސް އިންސައިޑާގެ ރިޕޯޓެއްގައިވާ ގޮތުން އެމެރިކާގެ އެމްއައިޓީ ޔުނިވާސިޓީގައި ބޭއްވި އިވެންޓެއްގައި އޮލްޓްމަން ވަނީ، އެ ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންކަމަށް ރިޢާޔަތް ކުރާނެ އެއްވެސް ޓެކްނިކަލް ހެއްކެއް ދެއްކިފައިނުވާ ކަމަށް ބުނެފައެވެ.

މަސްކް އާއި އެހެން ތަޖުރިބާކާރުން ސޮއިކޮށްފައިވާ ސިޓީގައި ބުނެފައި ވަނީ އޭއައި ލެބްތަކުން މިހާރު ދަނީ 'އޭއައި ރޭހުގައި އެކަކު އަނެކަކަށް ވުރެ މޮޅުވުމުގެ ރޭހެއްގައި' ވާދަކުރަމުން ކަމަށެވެ. ނަމަވެސް އޭއައި ނިޒާމަކީ އެ ނިޒާމުތައް އުފެއްދި ފަރާތްތަކަށް ވެސް ކޮންޓްރޯލް ނުކުރެވިދާނެ އެއްޗެއް ކަމަށް އެ ސިޓީގައިވެއެވެ.

އެހެންކަމުން ހުރިހާ އޭއައި ލެބްތަކުން ވެސް ޖީޕީޓީ-4 އަށް ވުރެ ބާރުގަދަ އޭއައި ސިސްޓަމްތަކުގެ ތަމުރީނު މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލަން އެ ސިޓީގައި ގޮވާލާފައިވެއެވެ.

ފާއިތުވި މަސްތަކުގައި އޭއައިގެ މަގުބޫލުކަން އިތުރުވަމުން ދިޔަ ވަރަކަށް އޭގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ. އެފަދަ އެއް ކަންބޮޑުވުމަކީ ދޮގު މައުލޫމާތު ފެތުރުމުގެ ކުރުމުގެ ގާބިލްކަން އޭއައިއަށް ލިބިފައިވުމެވެ.

މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ދައްކުވައިދޭ "ޑީޕް ފޭކް" ފޮޓޯތަކެއް އާންމުވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު