އަޝްފާގުގެ ދެ ގޯލާއެކު ވެލެންސިއާއަތުން ސަސްއަށް ބޮޑު މޮޅެއް

ވެލެންސިއާއާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން ---- ފޮޓޯ/ ޕްރެޒިޑެންޓްސް ކަޕް

މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައި ރާއްޖޭގެ ފުޓުބޯޅަ ރަސްގެފާނު އަލީ އަޝްފާގު ޖެހި ދެ ގޯލާއެކު ބޮޑު ތަފާތަކުން ސުޕަ ޔުނައިޓެޑު ސްޕޯޓްސް ކުލަބު (ސަސް)އިން ކުލަބު ވެލެންސިއާ ބަލިކޮށްފިއެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ސަސްއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ބަލިވި ވެލެންސިއާ އަކީ މިދިޔަ އަހަރު އެއްވެސް މެޗަކުން ބަލިނުވެ ޕްރެޒިޑެންޓްސް ކަޕް އުފުލާލި ޓީމެވެ.

ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 އިން ވަނީ ގިނަ ބަޔަކު ސިއްސުވާލައިފައެވެ. ވެލެންސިއާއިން މެޗު ފެށީ އުމުރުން 14 އަހަރުގެ އީތަން އިބްރާހީމް ޒަކީއާއެކުވެ. އަދި ދެވަނަ ހާފުގައި އެ ޓީމުން ވަނީ 14 އަހަރުގެ މުހައްމަދު އިލާން އިމްރާން ކުޅެން އަރުވައިފައެވެ.

އެ މެޗުގެ ފަސް ވަނަ މިނެޓުގައި މިދިޔަ އަހަރު ވެލެންސިއާ ޖާޒީން ފެނުނު އަޝްފާގު ވަނީ ވެލެންސިއާ ކޮޅަށް ގޯލު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އޭގެ ދެ މިނެޓު ފަހުން އަނެއްކާވެސް ސަސްއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ އިބްރާހީމް އަތީގް ހަސަން ކާމިޔާބުކުރި ގޯލެކެވެ.

އެ ނަތީޖާއިން މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު 57 ވަނަ މިނެޓުގައި ސަސްއިން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިފައެވެ. ސަސްގެ އިބްރާހީމް ޝަހާއު ނެގި ކޯނަރު ވެލެންސިއާގެ ގޯލަށް ވަނީ އެ ޓީމުގެ ކީޕަރު އާދަމް އިމްއާން އަތުގައި ޖެހިފައެވެ.

ވެލެންސިއާއާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން ---- ފޮޓޯ/ ޕްރެޒިޑެންޓްސް ކަޕް

އޭގެ ތިން މިނެޓުފަހުން އަޝްފާގު ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައިފައެވެ. ވެލެންސިއާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ސަސްގެ ފަސްވަނަ ގޯލު ޖެހީ އަހުމަދު ހަލީމްއެވެ. އެ ގޯލަކީ ވެލެންސިއާގެ އޭރިއާތެރެއިން އޭނާއަށް ލިބުނު ހުސް ފުރުސަތަކުން ކާމިޔާބުކުރި ގޯލެކެވެ.

އެ މޮޅާއެކު ސަސް ވަނީ ޕްރެޒިޑެންޓްސް ކަޕް ގްރޫޕް އެކެއްގެ އެއްވަނައަށް ޖެހިލައިފައެވެ. ރޭގެ މެޗަކީ އެ ގްރޫޕްގެ ފުރަތަމަ މެޗެވެ. އެހެންކަމުން ސަސް އެއްވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕު ކުރިއަށްދާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ ޗެމްޕިއަން ކުލަބް ވެލެންސިއާ އާއި، ކުލަބް އީގަލްސްގެ އިތުރުން ސަސްއެވެ.

ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތަކަކީ، މާޒިޔާއާއި، ޓީސީ ސްޕޯޓްސް ކުލަބްގެ އިތުރުން ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސް ކުލަބެވެ.

comment ކޮމެންޓް