މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އެޅުނުތާ ހަތަރު މަސް ވާއިރު ވެސް ތަހުލީލްތައް ނުނިމޭ!

ރަސްމީ ފާލަން ސަރަހައްދު މޫދަށް އެޅިފައިވާ ގިނަ އަދަދެއްގެ ކަޅުތެޔޮތައް ސާފު ކުރަނީ ---

މާލޭ ފަޅުތެރެއަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅުނުތާ ހަތަރު މަސް ވާ އިރު އެ މައްސަލައިގެ ފޮރިންސިކް ތަހުލީލުތައް އަދިވެސް ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެމްޕީއެލް ސަރަހައްދާއި ރަސްމީ ފާލަން ސަރަހައްދަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރުމުން ކޯސްޓްގާޑުގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމް ގުޅިގެން ކަޅުތެޔޮ ނެގުމުގެ މަސައްކަތް ފެށީ ޖެނުއަރީ އެއްވަނަ ދުވަހުއެވެ. އެ ސަރަހައްދު ސާފުކޮށް ނިންމާލެވުނީ ޖެނުއަރީ ތިން ވަނަ ދުވަހަގައެވެ.

"އޮއިލް ބޫމް" އުޅަނދެއް ބޭނުންކޮށްގެން ރަސްމީ ފާލަން ކައިރިއާ ދިމާލުން ފަޅުތެރެ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ޖުމުލަ 15 ފީފާގެ ކަޅު ތެޔޮ ނަގައިފައިވާ އިރު އެއީ 1،000 ލީޓަރުގެ ތެލެވެ.

ރަސްމީ ފާލަން ސަރަހައްދު މޫދަށް އެޅިފައިވާ ގިނަ އަދަދެއްގެ ކަޅުތެޔޮތައް ސާފު ކުރަނީ ---

އެ ސަރަހައްދަށް ކަޅުތެޔޮ އެޅުނުތާ މިއަދަށް ތިން މަހާއި 15 ދުވަސްވެފައިވާ އިރު ތެޔޮއެޅެން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

"ސަން"އަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އެޅުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އެޅުނު މައްސަލައިގައި ފޮރެންސިކް ތަހުލީލުތައް ދަނީ ކުރަމުން،" އިތުރު ތަފުސީލެއް ފުލުހުން ނުދެއްވައެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މި ނޫހަށް ވިދާޅުވި ގޮތުގައި މާލޭ ރަސްމީ ފާލަން ސަރަހައްދަށް ކަޅުތެޔޮ އެޅުނީ ކިހިނެއްތޯއާ އެއީ ކޮން ބައެއްގެ ސަބަބުންވީ ކަމެއްތޯ ބެލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ނައީމް ވިދާޅުވީ އެ ދިމާލު ފަޅުތެރެއަށް އެޅިފައި ހުރީ ބޮޑެތި އާގު ބޯޓްފަހަރުގައި ބޭނުންކުރާ ބާވަތުގެ ތެޔޮ، ހެވީ ފިޔުލް އޮއިލް ކަމަށެވެ. އަދި ވިދާޅުވީ ތެޔޮ އެޅުމުގެ ސަބަބުން ދިރުންތަކަށް ގެއްލުންވެފައިވާ ކަމުގެ ނިޝާނެއް އަދި ނެތް ކަމަށެވެ.

"ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކަށް އަޅުގަނޑުމެން މި މަޑުކުރަނީ. އިތުރު ތަފްސީލެއް ނައީމް ވެސް ނުދެއްވައެވެ.

ރަސްމީ ފާލަން ސަރަހައްދު މޫދަށް އެޅިފައިވާ ގިނަ އަދަދެއްގެ ކަޅުތެޔޮ ---

މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އަޅާފައިވަނީ ބަޔަކު ގަސްތުގައިތޯ ނުވަތަ ނޫންތޯ ބަލައި އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު ނޭޅި ލަސްވަމުން ދާތީ ތިމާވެށީގެ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފަޅުތެރޭގައި އަޅާފައި ހުންނަ ބައެއް އުޅަނދު ފަހަރުން ފަޅުތެރެއަށް ތެލާއި، ކުނިބުނީގެ ބާވަތްތައް އެޅުމުގެ ސަބަބުން ފަޅުތެރޭގެ ލޮނުގަނޑު ހަޑިވެ، ވަރަށް ބޮޑަށް ނަޖިހުގެ އަސަރުކޮށްފައި ހުންނަކަން މާލޭ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މޫދަށް ތެޔޮ އެޅުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވުމާއި މޫދުގެ ފެންގަނޑު ތަގައްޔަރުވެ، މޫދުގައި އުޅޭ ތަފާތު ބާވަތްތަކުގެ ދިރޭތަކެއްޗަށް އޭގެ ސަބަބުން އުނދަގުލާ ކުރިމަތިވާނެއެވެ.

comment ކޮމެންޓް