ބަޔާންމިއުނިކްގެ ލެރޯއި ސާނޭ ގައިގައި އެ ޓީމުގެ ސާޑިއޯ މާނޭ ޖެހުމުން ބަޔާނުން އެ އޭނާ ސަސްޕެންޑުކޮށްފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ ދަނޑުގައި 3-0 އިން ބަޔާން މިއުނިކް ބަލިވި މެޗުގައި މާނޭއާއި ސާނޭގެ ދެމެދުގައި ހިޔާލު ތަފާތުވެ މާނޭ ވަނީ އޭނާ ގައިގައި ޖަހައިފައެވެެ.
މީޑީއާ ރިޕޯޓުތައް ބުނާގޮތުގައި ސާނޭއާއި މާނޭއާ ދެމެދު ހިޔާލު ތަފާތުވުން އުފެދުނީ އެ މެޗުގެ 69 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި މާނޭ ކުޅެން ނިކުމެ ދަނޑުމަތީގައި ހިނގިކަމެއްގެ ސަބަބުންނެވެ.
އެ މައްސަލަައިގައި ބަޔާންނުން ވަނީ މާނޭއަށް އަދަބު ދިނުމަށް ނިންމައިފައެވެ. އެގޮތުން އެ ޓީމުން ނިންމީ އޭނާ އެއް މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާ ކުރުމަށެވެ.
އެގޮތުން ބަޔާނުން ޖަރުމަނު ބޮންޑަސްލީގާއި އަންނަ ހޮނިހިރު ދުވަހު ހޮފިންހަމްއާ ދެކޮޅަށް ކުޅޭ މެޗުގައި މާނޭ ނުހިމެނޭނެއެވެ.
މާނޭއާއި ސާނޭއަކީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ވާދަވެރި ދެ ކުލަބަށް ކުޅުނު ދެ ކުޅުންތެރިންނެވެ. ސާނޭ 2016 އިން ފެށިގެން 2020 އަށް ހަމައަށް މެންޗެސްޓާ ސިޓީއަށް ކުޅުނުއިރު 2016 އިން 2022 އަށް މާނޭ ކުޅުނީ ލިވަޕޫލަށެވެ.
މިދިޔަ އަހަރު ބަޔާންއަށް މާނޭ ބަދަލުވިފަހުން ވަނީ ކަކުލަށް ބޮޑު އަނިޔާއެއް ކުރިމަތިވެފައެވެ. އެހެންކަމުން މި ސީޒަންގެ ގިނަ މެޗުތަކެއް އޭނާއަށް ވަނީ ގެއްލިފައެވެ.