ޕާކިސްތާނު މީހެއްގެ އަތުން، ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އަށް ވަނީ ޕޮޒިޓިވްވެފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އައި ޕާކިސްތާނު ފަސިންޖަރެއްގެ ލަގެޖުން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި، ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ މިއަދު ޕާކިސްތާނުގެ ކަރާޗީން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 53 އަހަރުގެ ފިރިހެން ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްއެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 4.98 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. އަދި އެތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، ޕާކިސްތާނު ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ހަމަ މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މިއަދު އަތުލައިގަނެފައިވާއިރު އިއްޔެ، ކަސްޓަމްސް އިން ވަނީ އިތިއޯޕިއާއިން ރާއްޖެ އައި އިންޑިއާ އަންހެނަކު ރާއްޖެ އެތެރެކުރަން އުޅުނު ނުވަ މިލިއަން ރުފިޔާގެ މަަސްތުވާތަކެތި ވެސް އަތުލައިގަނެފައެވެ.

https://sun.mv/176068

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތައް މިދިޔަ މަހު ވެސް ވަނީ ގިނަ އަދަދަކަށް ހިނގައިފައެވެ. މި ރޯދަ މަސް ފެށިގެން ފުރަތަމަ 15 ދުވަސް ހިނގި އިރު ފުލުހުންނަށް ދެވަނައަށް އެންމެ ގިނައިން ހުށަހެޅީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

comment ކޮމެންޓް