ޅ. ނައިފަރުގައި ގާއިމު ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތައް ޙައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ބުނީ އެ ރަށުގެ ފެނާ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް، އެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ އެލްއީ ޓްރިވެނީ ޖޭވީ އާއެކު ވެފައިވާ އެއްބަސްވުން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު، މި ސަރުކާރުން އުވާލާފައިވާ ކަމަށެވެ.
އެއާއެކު މަޝްރޫއުގެ މަސައްކަތް ހުއްޓި، ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އެތައް ދުވަހެއް، މަޝްރޫއުގެ މަސައްކަތް ދިގުލައިގެން ދިޔަ ކަމަށް ގަރާރުގައި ވެއެވެ. އަދި އޭގެ އެތައް ދުވަހެއް ފަހުން އެމްޑަބްލިއުއެސްސީ އާ ހަވާލު ކޮށްގެން، އެ މަޝްރޫއުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ކަމަށް ވެސް ގަރާރުގައި ވެއެވެ.
ނަމަވެސް އެ ނިޒާމް އޮޕަރޭޓް ކުރުމަށް ފެނަކައާ ހަވާލު ކޮށްފައިވަނީ އެ މަޝްރޫއުގެ މަސައްކަތް ފުރިހަމަ ނުކޮށް ކަން މެމްބަރު ފާހަގަ ކޮށްފައިވެއެވެ. ގަރާރުގައި ބުނީ އޭގެ ސަބަބުން، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ދަތިތައް ކުރިމަތިވެ، ރައްޔިތުންނަށް ޚިދުމަތުގެ ފުރިހަމަ ބޭނުން ނުހިފޭ ކަމަށެވެ. އަދި 6000 އަށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް ފުރިހަމަ ނުވާ ނިޒާމަކުން ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރި ކަން ފެނަކައިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފާހަގަ ކޮށްފައިވާ ކަމަށް ވެސް ގަރާރުގައި ވެއެވެ.
އެގޮތުން އާރްއޯ ޕްލާންޓުން ދޫކުރާ ފެނުގައި ކުލައާއި ވަސް ހުރުމާއެކު އެ ފެނަކީ ރައްކާތެރި ފެނަށް ނުވާނެކަން ފާހަގަކޮށް ގަރާރުގައި ބުނީ އޭގެ ސަބަބުން ސިއްހީ ގޮތުން ވެސް މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އާރްއޯ ޕްލާންޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ފުރިހަމަވެފައި ނެތް ކަމަށް ވެސް ގަރާރުގައި ވެއެވެ.
ހަމައެހެންމެ، އެ ޕްލާންޓުގެ މެއިންޓެނެންސްއަށް ބޭނުންވާ ވަސީލަތްތައް ލިބެން ނެތުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވެ، ޕްލާންޓުން ފެން ލީކުވެ، ދަބަރުޖަހާފައި ވާކަމަށް ވެސް ގަރާރުގައި ވެއެވެ.
ގަރާރުގައި ބުނީ އެ ޕްލާންޓުން ފެން ދޫކުރުމަށް ގާއިމް ކުރެވިފައިވާ ޕަމްޕް ސްޓޭޝަން ސާވިސް ނުކުރެވި، ކްލޮރިން ހުސްވުންފަދަ އެތައް މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި ފެން ގުޅައި ދިނުމަށް އެދިފައިވާ ގޭބިސީތަކަށް ފެން ގުޅައި ދިނުމަށް ބޭނުންވާ ވަސީލަތްތައް ވެސް ނެތް ކަން ގަރާރުގައި ފާހަކަ ކޮށްފައިވެއެވެ.
ގަރާރުގައި ބުނީ، ނަރުދަމާ ނިޒާމުގެ ނެޓްވޯކް ނޭޅޭ ސަރަހައްދުތައް ހުރުމާއި މަގުމައްޗަށް ނަޖިސް ބޭރުވެ، ވަސްދުވާ، ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ނަރުދަމާގެ ބައެއް ސްޓާޓިން ލައިން، ގޭބިސީތަކުގެ ލައިނަށްވުރެ ތިލަވުމުގެ ސަބަބުން ގޭބިސީގެ ކަނެކްޝަން ނުހެދުމުގެ މައްސަލަ ވެސް ދިމާވަމުންދާ ކަން ގަރާރުގައި ފާހަގަކުރެއެވެ. ހަމައެހެންމެ، ނަރުދަމާ ނުގުޅި ހުރީ ކިތައް ގެޔަށް ކަން ލިޔެކިޔުމުން ވެސް މިހާތަނަށް ސާފުވެފައިނުވާ ކަމަށް ގަރާރުގައި ވެއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ގަރާރު ތަޅުމުން ބޭރުކޮށްލާފައިވަނީ ގަރާރު ބަލައިގަތުމާމެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ.
އެ ގަރާރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި ރެގިއުލޭޓްކޮށް މޮނީޓާކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ވެސް ވަނީ ތަޅުމުން ބޭރުކޮށްލައިފައެވެ.
މި ގަރާރު ހުށަހަޅުއްވާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބެލުމަށް މަޖިލީހުގައި އުފައްދާފައިވާ އެސްއޯއީ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، "ސަރުކާރުގެ ވިޔަފާރި ތަންތަން" ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ. އަދި އެފަދަ ކުންފުނިތައް އުފައްދާނެ، އުވާލާނެ، ރެގިއުލޭޓްކޮށް މޮނީޓާ ކުރެވޭނެ ގާނޫނެއް އޮތުމަކީ މުހިންމުކަމެއް ކަމަށް ދެކޭ ކަމަށެވެ.
އެ ގަރާރު ބޭރު ކޮށްލާފައިވަނީ ގަރާރު ބަލައިގަތުމާމެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެތެރެއިން 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 21 މެމްބަރުންނެވެ.