ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަށްވަނަ މިސްކިތް އަޅަން ސޮއިކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދު -- ފޮޓޯ/ސަން އޮންލައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަނެއްކާ ވެސް އިތުރު މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފޭހުގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއެކު ސޮއިކުރީ އާންބަކޯއިންނެވެ.

އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒެވެ. އަދި އާބަންކޯގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

އާބަންކޯ އިން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގެ ލޮޓް ނަންބަރު 20،243ގައި އަޅައި މި މިސްކިތަކީ 11،643.74 އަކަފޫޓުގެ ޖާގައިގެ ބިމެއްގައި ގާއިމު ކުރެވޭ މިސްކިތެކެވެ. އަދި މި މިސްކިތުގައި ތިން ފަންގިފިލާ ހުންނަ އިރު، މި މިސްކިތަކީ 521 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.

ހުޅުމާލޭގައި މި މިސްކިތް އިމާރާތްކުމަށް ޚަރަދު ކުރަނީ
ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އާބަންކޯ އިން އަދި ހާމައެއް ނުކުރެއެވެ.

މިއަދު ސޮއި ކުރެވުނު މި މިސްކިތް ހިމަނައިގެން ޖުމްލަ ހަތް މިސްކިތެއްގެ މަސައްކަތް މިހާރު ވަނީ ހަވާލު ކޮށްފައެވެ. މީގެ ތެރެއިން ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތްތައް ވަނީ މިހާރު ފެށިފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ މިސްކިތެއް ވެސް މިހާރު ހުރެއެވެ.

ހުޅުމާލެއަކީ އެ އަވަށުގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބޭނުންތަކެއް ހިމެނިގެން ތަރައްގީ ކުރެވޭ ރަށަކަށް ހެދުމަށް އާބަންކޯއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް