ޖޯ ބައިޑެން ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފި

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި ޖޯ ބައިޑެން -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް އަނެއްކާވެސް ދެއްވައިފިއެވެ.

އެމެރިކާގެ އެންބީސީ ޓީވީ ނެޓްވޯކާ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރާއްވަވާފައިވާ ކަމަށެވެ. ނަމަވެސް އެކަން އިއުލާން ކުރަން އަދި ތައްޔާރު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ބައިޑެން ވަނީ ރައީސް ކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ބެހޭ ގޮތުން އާއިލާއާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ބައިޑެން ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ދެ ބޭފުޅެކެވެ. އެއީ ލިޔުންތެރިއެއް ކަމަށްވާ މެރިއޭން ވިލިއަމްސަން އާއި ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ އާއިލާއަށް ނިސްބަތްވާ ރޮބަޓް ކެނެޑީ ޖޫނިއާއެވެ. އެ ދެ ކެންޑިޑޭޓުންނާ އަޅާ ބަލާއިރު ޑިމޮކްރެޓިކް ޕާޓީގައި ބައިޑެންއަށް އޮތް ތާއިދު މާ ބޮޑު ކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކައެވެ.

އެމެރިކާގެ އިދިކޮޅު މައި ޕާޓީ ކަމުގައިވާ ރިޕަބްލިކަން ޕާޓީއިން ބައިޑެންއާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކެމްޕޭން ފައްޓަވާފައެވެ. ނަމަވެސް ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާތަކެއް ކުރުމާ ގުޅިގެން އޭގެ ނޭދެވޭ އަސަރު އޭނާގެ ކެމްޕޭނަށް ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޓްރަމްޕްގެ މައްޗަށް އުފުލާފައި ވަނީ ވިޔަފާރީގެ މުއާމަލާތްތަކާ ބެހޭ މައުލޫމާތު އޮޅުވާލައި، މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކެކެވެ. އޭނާ ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވާފައެވެ. އަދި އެއީ ސިޔާސީ ދައުވާތަކެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

އެންމެ ފަހުން އެމެރިކާގައި ބޭއްވި 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިޑެންއަށް 81 މިލިއަން ވޯޓު ލިބިވަޑައިގަތް އިރު ޓްރަމްޕަށް ލިބުނީ 74 މިލިއަން ވޯޓެވެ. އޭގެ ކުރިން 2016 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރެއްވީ ހިލަރީ ކްލިންޓަންއާ ވާދަކުރައްވައިގެންނެވެ.

comment ކޮމެންޓް