ދ. ރިނބުދޫ ސުކޫލްގައި ތިބި ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން އިއުލާން ކުރި ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބެމުން ނުދާ ކަމަށް އެ ރަށު ސުކޫލުން ބުނެފިއެވެ.
ރިނބުދޫ ސުކޫލްގެ ލީޑިން ޓީޗަރު ހަސަން ޝިޔާޒް "ސަން"އަށް ވިދާޅުވީ އަމާޒަކީ ބީދޭސީ ހުރިހާ ޓީޗަރުންގެ ބަދަލުގައި ދިވެހިން ހޯދުން ކަމަށާއި ނަމަވެސް ދެރަ ކަމަކީ ދިވެހިން ހޯދުމަށް ކުރި އިއުލާނަށް ވެސް ލިބިފައި ވަނީ ފިނި ތަރުހީބެއް ކަމަށެވެ. އެގޮތުން އަދި މިހާތަނަށް ލިބުނީ ވަގުތީ މުވައްޒަފުންގެ ގޮތުގައި ސައިންސް ޓީޗަރަކާއި ހިސާބު ޓީޗަރެއް އެކަނި ކަމަށް ޝިޔާޒް ވިދާޅުވިއެވެ.
"އެ މީހުން އަދި މި ގެންގުޅެނީ ވަގުތީ ކޮންޓްރެކްޓް ގޮތަށް. ދެން އެ ހުރި އެހެން މަގާމްތަކަށް އަދި މިހާތާކަށް ކުރިމަތިލާފައެއް ނެތް"
ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭ ރިނބުދޫ ސުކޫލްގައި އަންނަނީ 79 ދަރިވަރުން ކިޔަވަމުންނެވެ. އެ ސުކޫލްގައި މި ވަގުތު ތިބީ 20 ޓީޗަރުންނެވެ. އެއީ 20 ދިވެހީންނާއި ބިދޭސީ ހަތް ޓީޗަރުންނެވެ. ސުކޫލްގެ އެހެން އެއްވެސް މަގާމެއްގައި ބިދޭސީއަކު މިހާރު ނޫޅެއެވެ.
1970 ވަނަ އަހަރު ތައުލީމްދޭން ފެށި ރިނބުދޫ ސްކޫލްގެ މިވީ 53 އަހަރުގެ ތެރޭގައި އެ ރަށު ސްކޫލުން ވަނީ ތަފާތު ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ހުސްވި އަހަރު އޯލެވެލް އިމްތިހާނުގައި މެރިން ސައިންސް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި އަތޮޅުތެރޭގެ ސްކޫލްތަކުގެ ތެރޭގައި ރިނބުދޫ ސްކޫލް ހިމެނުނެވެ.
ޝިޔާޒް ވިދާޅުވީ ސަތޭކަ އިންސައްތަ ދިވެހި ޓީޗަރުންނާއެކު ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހަމަ އެ ނަތީޖާ ނެރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"ދިވެހި ޓީޗަރުންގެ އެންމެ ބޮޑު ފައިދާއަކީ ކިޔަވައިދޭ ގަޑިތަކުގައި ކުލާސް ކޮންޓްރޯލް ކުރަން ވަރަށް މޮޅު ދިވެހިން. ކިޔަވައިދިނުމުގެ ސްޓައިލަށް ބަލާއިރުގައި ވެސް ދިވެހިން މާބޮޑަށް ރަނގަޅު. ކުދިންނަށް ދޭން ޖެހޭ މައުލޫމާތުތަކާއި ފިލާވަޅުތައް އެ ކުދިންނަށް ކިޔައިދިނުމަށް ވަރަށް ފަސޭހަވޭ،" ޝިޔާޒް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ 8364 ޓީޗަރުންނާ އެކުގައެވެ. މީގެ ތެރޭގައި ހިމެނެނީ 6006 ދިވެހި ޓީޗަރުންނާއި 1693 ބިދޭސީ ޓީޗަރުންނެވެ.