ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭގެ ރައްޔިތުންނަށް ބަހަން އިތުރު 10،000 ކާށި މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.
މީގެ ކުރިން ޗަމްޕާ ބްރަދާސް ކުންފުނިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މާލޭގެ ރައްޔިތުންނަށް ކާށި ބަހަން އުއްޗު ނިންމެވީ މި ރަމަޟާން މަހު ކާށީގެ އަގު އުފުލިފައިވުމުން، ބޮޑު އަގުގައި ކާށި ގަންނަން ފޯރުންތެރިކަން ނެތް މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
އެ ކުންފުނިން އެންމެ ފުރަތަމަ ހަވާލުކުރީ 10،000 ކާއްޓެވެ. އަދި އިތުރު 15،000 ކާށި ހަވާލުކުރާނެ ކަމަށް އޭރު އެ ކުންފުނިން ވަނީ ބުނެފައެވެ.
އޭގެ ފަހުން މިއަދު އެ ކުންފުނިން ވަނީ ސިޓީ ކައުންސިލަށް އިތުރު 10،000 ކާށި ހަވާލުކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް "ސަން"އަށް ވިދާޅުވީ މިއަދު 15:00 ހާއިރު އިތުރު 10،000 ކާށި އުއްޗުގެ ފަރާތުން އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ޖުމްލަ 30،000 ކާށި އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން ކުރިއަށް ދަނީ ކޮތަޅު ޕްރިންޓް ކުރުމުގެ މަސައްކަތް. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ސްޓޭޝަން ޖަހާނަށް އާއްމު ޚިދުމަތާ ބެހޭ ބައިގަ ކާށި ބެހުމުގެ މަސައްކަތް ކުރުމަށް. ޕްރިންޓް މިކުރަނީ ގާތްގަނޑަކަށް 8،000 ކޮތަޅު. ކޮންމެ ކޮތަޅެއްގަ ފަސް ކާށި ބަހާ ގޮތަށް،" އޭނާ ވިދާޅުވިއެވެ.
ރަމީޒް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ފަސް ދުވަހު ކާށި ބަހާނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށެވެ. އަދި އޭގެފަހުން އައިޑީކާޑު ހިފައިގެން އަންނަ ކޮންމެ މީހަކަށް ވެސް ފަސް ކާށިގެ ޕެކެއް ދޭން މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާދަމާގެ ވަގުތެއްގައި ކާށި ބެހުމުގެ މަސައްކަތް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކާށި ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ ދުވާލު 09:00 އިން މެންދުރުފަހު 14:00އަށެވެ. އަދި ރޭގަނޑު 21:30 އިން 00:00އަށެވެ.