އިންޑިއާއާ ވަކިން އޮންނަ, އެގައުމުގެ ރަށްތަކެއް ކަމަށްވާ ނިކޮބާ އައިލެންޑްސްއަށް 5.4 މެގްނިޓިއުޓުގެ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން ގާތްގަނޑަކަށް 3:30 ހާއިރެވެ. މިކަމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާގޮތުން މި ބިންހެލުން އައީ، 10 ކިލޯމީޓަރު އަޑިންނެވެ. މި ބެންހެލުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމަށް ނުވަތަ ތަނަކަށް ގެއްލުން ލިބުނު ކަމަށް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.
އިންޑިއާގެ މައި ސަރުކާރުގެ ބާރު ހިނގާ ގޮތަށް، ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި އޮންނަ ނިކޮބާ އައިލެންޑްސްގެ އާބާދީ 36،000އަށް އަރާ ކަމަށް އެގައުމުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކައެވެ.
މިދިޔަ ބުދަ ދުވަހު ވެސް އެ ސަަރަހައްދަށް ބިންހެލުމެއް އައިސްފައިވެއެވެ. އެއީ 4.6 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެ ބިންހެލުމުގައިވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިނުވެއެވެ.