އެތެރެހަށީގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު 361 ގްރާމްގެ ރަން އަތުލައިގެންފި

މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 43 އަހަރުގެ އިންޑިއާ ފިރިހެނެއް --- ފޮޓޯ/ ކަސްޓަމްސް

ވައިގެމަގުން އަބޫދާބީއިން ރާއްޖެ އައި ފަސިންޖަރެއްގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ރަން ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މި މައްސަލައިގައި އަތުލައިގަނެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ވިޒްއެއާ ފްލައިޓަކުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ރާއްޖެއައި ފަސިންޖަރަކާމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެ މީހާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

މި ތަކެއްޗާ ބެހޭގޮތުން ސުވާލުކުރުމުން ހަށިގަނޑުގައި ރަން ހުންނާނެކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމްލަ 361 ގްރާމް ހުއްޓެވެ.

ކަސްޓަމްސްއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގާނޫނުގައިވާ ގޮތުން، ބޭރު ގައުމުތަކުން ރާއްޖެއަށް ރަން އެތެރެކުރެވޭނީ ހުއްދަ ނަގައިގެން، އެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަންޏެވެ. މި ނޫން ގޮތަކަށް ރާއްޖެއަށް ރަން އެތެރެކުރުމަކީ މަނާކަމެކެވެ.

comment ކޮމެންޓް