ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރެއްގެ މަގާމުގައި ހުރި އަހުމަދު ޝާން 2015ވަނަ އަހަރު އެ މަގާމުން ވަކިކުރި މައްސަލައިގައި އޭނާގެ ވަޒީފާ އިޔާދަކޮށްދީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ރުޖޫޢަ ކުރާ ދުވަހާ ޖެހެންދެން މަގާމުގެ އުޖޫރައަށްވާ ފައިސާ ދޭން އިންތިޤާލީ އިންސާފުގެ އޮމްބަޑުސްޕާސަންގެ އޮފީހުން ނިންމުމުން ވެސް، ވަޒީފާ ރުޖޫޢަ ކޮށްދޭން ސިވިލް ސާވިސް ކޮމިޝަނުން ދެކޮޅު ހަދައިފިއެވެ.
ހެލްތު މިނިސްޓްރީގެ ވަޒީފާގައި ހުއްޓައި 2015ވަނަ އަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހު، ޝާން އެ ވަޒީފާއިން ވަކިކޮށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތުތައް އެންމެ ރަނގަޅަށް އަދާ ކުރާ ކަމަށް ނުފެންނާތީ، ޕްރޮބޭޝަން ހަމަވުމުން މަގާމުން ވަކި ކުރީ ކަމަށެވެ.
އެކަމަކު، ޝާންގެ ފަރާތުން އެ މައްސަލަ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް ވަނީ ހުށަހަޅައިފައެވެ. އޭނާ ވިދާޅުވެފައި ވަނީ ޕްރޮބޭޝަންގެ މުއްދަތުގައި ވަޒީފާއިން ވަކިކުރި ނަމަވެސް، އެއްވެސް ނަސޭހަތެއް ވެސް އަދި ކަމެއް ރަނގަޅު ކުރަން ވެސް އަންގާފައިނުވާ ކަމަށެވެ.
އޭނާ މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށެވެ. އެކަމަކު، އެ ކޯޓު އުވާލަން ޖެހުމުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ ކޯޓުން ނިންމީ، އިޖުރާއީ ގޮތުން އެ މައްސަލަ ބެލެން ނެތް ކަމަށެވެ. އެހެންވެ، އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އެ މައްސަލަ ހުށަހަޅައިފައެވެ. އެ ކޮމިޝަނުން ވެސް މައްސަލަ ހުށަހެޅީ ލަހުން ކަމަށް ބުނެ، މައްސަލަ ބަލައިފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގަށް ފަހުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑުސް ޕާސަންގެ އޮފީހުން ވަނީ ޝާން ވަޒީފާއިން ވަކި ކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް ކަމަށް ނިންމައިފައެވެ.
އެހެންވެ، އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން އިޔާދަކުރުމާ ހަމައަށް މުސާރައާއި އިނާޔަތްތައް ދިނުމަށާއި ލިބުނު ނުސީދާ ގެއްލުމުގެ ބަދަލުގައި އޭނާގެ ވަޒީފާ އިޔާދަކޮށްދޭން އެ އޮފީހުން މިދިޔަ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޮމްބަޑްސްޕާސަނުންގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.
އެކަމަކު، މި އަހަރުގެ އޭޕްރީލް މަހު ސިވިލް ސާވިސް ކޮމިޝަނުން ސުލްހައިގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ފަހުގައި ވަނީ، އިންތިޤާލީ އިންސާފުގެ އޮމްބަޑުސްޕާސަންގެ އޮފީހުގެ ނިންމުމާ އެއްގޮތަށް އެއްބަސްވެވެން ނެތް ކަމަށް ބުނެފައެވެ.