މިއަހަރު ދިއްދޫގެ އެންމެ އަލިގަދަ ތަރިއަކަށް ބައްސާމާ

ދިއްދޫ އެންމެ އަލިގަދަ ތަރި 1444 — ފޮޓޯ/ މިޑްލް ސްޕޯޓްސް ކްލަބް

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ "ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444"ގެ މަޤާމް ހއ. ދިއްދޫ، ފުނަކުރި އަލް ޙާފިޒާ ބައްސާމާ ސުލައިމާން ހޯދައިފިއެވެ.

ފައިނަލް ބުރުގައި ފަސް ބައިވެރިން ވާދަކުރި މި މުބާރާތުގެ ދެ ވަނަ ހޯދީ މަރިޔަމް މަހާ މުޙައްމަދެވެ. ތިން ވަނަ ހާސިލުކޮށްފައިވަނީ ޙުސެއިން ޝަހުބާންއެވެ. ދެން ފައިނަލްގައި ވާދަކުރީ އަބްދުﷲ ޒައިން ބިން މުޙައްމަދުގެ އިތުރުން މަރިޔަމް އަޒާ އާދިލްއެވެ.

ފައިނަލް ބުރުގައި ވާދަކުރި ބައިވެރިން ވަނީ ތިން ޓާސްކެއް ފުރިހަމަ ކޮށްފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ސުވާލަކާ ނުބަލައި ކިޔެވުމުގެ ސުވާލެއްގެ އިތުރުން ތަޖުވީދު، ޤުރުއާނުގެ ޢިލްމް އަދި ދީނީ ސުވާލަށް ޖަވާބުދިނުމެވެ.

އަގުބޮޑު އިނާމްތަކާއެކު ކުރިއަށް ގެންދިޔަ މި މުބާރާތުގެ މުޅި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް ދެ އުމްރާ ދަތުރު އަދި ދެވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް ލިބިފައިވާއިރު ފައިސާގެ އިނާމްތައްވެސް ލިބިފައިވެއެވެ.

ދިއްދޫ އެންމެ އަލިގަދަ ތަރި 1444 — ފޮޓޯ/ މިޑްލް ސްޕޯޓްސް ކްލަބް

އެ މުބާރާތުގެ ފައިނަލް ބުރުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، މުބާރާތުގައި ކިޔެވުން ހުށަހެޅި ބައިވެރިންނަށް ތައުރީފުކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިފަދަ ހުނަރުވެރި ދަރިވަރުންތަކެއް އުފެދިފައިވަނީ އެތައް އެދުރުންނެއްގެ ހިތްމަތާއި މިންނެތް މަސައްކަތުން ކަމަށެވެ.

ރާއްޖެއަކީ ކިތަންމެ ކުޑަ މީސްކޮޅެއް އޮތް ގައުމެއް ނަމަވެސް ޤުރުއާން ޢިލްމުގެ ރޮނގުން ބައިނަލްއަގްވާމީ ފެންވަރުގަ ވާދަކޮށް ކާމިޔާބު ހާސިލްކުރާ ދަރިވަރުން އެބަތިބިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް އޮތް ލޯބި އިތުރުވެ ހުނަރުވެރި އެތައް ދަރިވަރުންނެއް އުފެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ރަމަޟާންމަހުވެސް އަޅުގަނޑުމެންނަށް ރާއްޖެ ފަޚުރުވެރިވާފަދަ ވަނައެއް، ދިވެހި ދަރިވަރަކު ހާސިލްކުރާ އަޑު އިވިގެންދާނެ،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އެ މުބާރާތުގައި ޝަރަފުވެރި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް މިނިސްޓަރު ވަނީ މަރުޙަބާ ދަންނަވާ ކުރިއަށްދިއުމަށް ހިތްވަރުދެއްވާފައެވެ.

ދިއްދޫ އެންމެ އަލިގަދަ ތަރި 1444 — ފޮޓޯ/ މިޑްލް ސްޕޯޓްސް ކްލަބް

މުބާރާތް އިންތިޒާމްކުރި މިޑްލް ސްޕޯޓްސް ކްލަބްގެ ރައީސް ނަޝްވާން އިބްރާހީމް މީގެ ކުރިން 'ސަން' އަށް ވިދާޅުވީ މި މުބާރާތް ކުރިއަށް އޮތް ތަނުގައި މުޅި ހއ. އަތޮޅަށް ފުޅާ ކުރުމުގެ ވިސްނުން އެބަހުރިކަމަށެވެ.

މިފަދަ މުބާރާތެއް މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ރަމަޟާންމަހަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ, މިމައްސަރުގައި ރައްޔިތުންގެ މެދުގައި ކީރިތި ޤުރްއާނަށް ދޭންޖެހޭ އަހައްމިއްޔަތު އިތުރުކުރުމާއި, ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރްއާން މުބާރާތްތަކުގައި ތަމްސީލް ކުރާނެ ދަރީންތަކެއް އުފެއްދުމެވެ.

ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކުރުމުގެ ގޮތުން ދިއްދޫގައި ދިރިއުޅޭ އެންމެނަށް އަމާޒުކޮށްގެން ބާއްވާ "ހއ. ދިއްދޫ އެންމެ އަލިގަދަ ތަރި" މުބާރާތަކީ، ޓީވީއެމް އިން ކޮންމެ އަހަރަކު ރަމަޟާންމަހު މީގެ ކުރިން ގެނެސްދިން "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މިއީ މި މުބާރާތް ބާއްވާފައިވާ ދެވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ ހއ. ދިއްދޫ ސެހެނާވިލާ އާމިނަތު ޝިއުރާ އިބްރާހީމްއެވެ.

comment ކޮމެންޓް