މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ވެމްކޯ އިން ނަގާ ފީ، ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނުމަށް ގޭބީސީތަކުގެ ކަރަންޓް މީޓަރުތަކުގެ މައުލޫމާތު މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ފޯރުކޮށްދިނުމަށް ވެމްކޯއިން އެދިއްޖެއެވެ.
ވެމްކޯގެ ޚިދުމަތްތަކުން ނަގާ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމީ ކުނި އުކާލުމުގެ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ. އެގޮތުން ކުނި ނެގުމުގެ ޚިދުމަތަށް ނަގާ ފީ މިމަހުން ފެށިގެން ކަރަންޓް ބިލުގައި ހިމަނަން ވަނީ ނިންމާފައެވެ.
މީޓަރުތަކުގެ މައުލޫމާތު މިމަހުގެ ހަވަނަ ދުވަހުގެ ކުރިން ފޯރުކޮށްދިނުމަށް މީގެކުރިން ވެމްކޯއިން ވަނީ އަންގާފައެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
ވެމްކޯއިން އެންގީ އާންމު ގޭބީސީތަކުގެ ކަރަންޓް މީޓަރުތަކުގެ ތެރޭގައި، ގޭބީސީގައި ނުހިމެނޭ ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއްވާނަމަ އެފަރާތްތަކުން "ޔުޓިލިޓީ މީޓަރު އެކްސްކްލޫޝަން ފޯމް" ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހެޅުމަށެވެ. އަދި، ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ނުވަތަ ފްލެޓްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓާރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް ފުރިހަމަކޮށް ހުށަހެޅުމަށްވެސް އެދިފައިވެއެވެ.
މީގެއިތުރުން ވެމްކޯގެ ހިދުމަތް ހޯދާ އެކިއެކި މުއައްސަސާތަކާއި ވިޔަފާރިތަކާ ހިއްސާކޮށްފައިވާ "އިންފޮމޭޝަން އަޕްޑޭޓް ފޯމް" ވެސް ފުރިހަމަ ކުރުމަށް ފަހު އެ ދުވަހުގެ ކުރީން ހުށަހެޅުމަށްވެސް އެދިފައިވެއެވެ.
މި މުއްދަތުގައި ފޯމް ހުށަނާޅާ މުއައްސަސާތަކާއި ވިޔަފާރިތަކަށް އަންނަ މަހުން ފެށިގެން ޚިދުމަތް ދިނުން މެދުކެނޑޭނެ ކަމަށާއި، އާންމުންވެސް އެންމެ އަވަހަކަށް އެ މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ވެމްކޯއިން އެދިފައިވެއެވެ.
ކަރަންޓު ބިލުގެ ތެރޭގައި ކުނި ނަގާ ހިދުމަތުގެ އަގު ހިމެނި ނަމަވެސް ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މި ބަދަލާ އެކީ ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކުރިޔަސް މާލެ ސަރަހައްދުގެ ހުރިހާ ގޭބީސީތަކުން ވެމްކޯއިން ގަވާއިދުން ކުނި ނަގަން ފަށާނެއެވެ. ނަމަވެސް، މި ކުނީގެ ތެރޭގައި ގެތައް ސާފުކޮށް އުކާލާ ބޮޑެތި ކުނި ނުހިމެނޭނެއެވެ.