އުއްޗުގެ ފަރާތުން މާލޭގެ ރައްޔިތުންނަށް 25،000 ކާށި

ޗަމްޕާ ބްރަދާސްއިން މިހާރު ވަނީ މާލޭ ސިޓީ ކައުންސިލާ 10،000 ކާށި ހަވާލުކޮށްފަ --

މަހުޖަނު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭގެ ރައްޔިތުންނަށް ސިޓީ ކައުންސިލް މެދުވެރިކޮށް 25،000 ކާށި ބަހަން ތައްޔާރުވެއްޖެއެވެ.

ޗަމްޕާ ބްރަދާސް ކުންފުނިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މާލޭގެ ރައްޔިތުންނަށް ކާށި ބަހަން އުއްޗު ނިންމެވީ މި ހިނގާ ރަމަޟާން މަހު ކާށީގެ އަގު އުފުލިފައިވުމުން، ބޮޑު އަގުގައި ކާށި ގަންނަން ފޯރުންތެރިކަން ނެތް މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.

އެ ކުންފުނިން މިހާރު ވަނީ ސިޓީ ކައުންސިލާ ކާށި ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިހާރު 10،000 ކާށި ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް ޗަމްޕާ ބްރަދާސްއިން މައުލޫމާތު ދިނެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި އިތުރު 15،000 ކާށި ހަވާލުކުރާނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދިނެވެ.

ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ އާންމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ، ރައްޔިތުންނަށް ހަދިޔާގެ ގޮތުގައި ބަހަން ހެޔޮ އެދޭ ފަރާތަކުން ސިޓީ ކައުންސިލާ ގިނަ އަދަދަކަށް ކާށި ހަވާލުކުރަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ ކާށި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ބަހާނެ ގޮތަކާ މެދު ކައުންސިލުގައި ވަނީ މަޝްވަރާކޮށްފައެވެ.

"އަޅުގަނޑުމެން މި ބަހާއިރު އެންމެ އިންސާފުވެރި ގޮތަކަށް، އެންމެ ނީޑީ ފަރާތަކަށް ދެވޭ ގޮތަކަށް އެކަން ކުރެވޭނެ ގޮތެއް ނިންމާފަ، ހާމަކަން ބޮޑު ގޮތެއްގަ އެކަން ކުރުން އޮންނާނީ ތިބޭފުޅުން [ކައުންސިލުން] ގޮތެއް ނިންމައިދިނީމަ،" މުއިއްޒު ވިދާޅުވިއެވެ.

ޗަމްޕާ ބްރަދާސްއިން މިހާރު ވަނީ މާލޭ ސިޓީ ކައުންސިލާ 10،000 ކާށި ހަވާލުކޮށްފަ --

ކާށި ބަހާނެ ގޮތަކާ މެދު ޚިޔާލު ހޯދުމަށް ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލުމުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހުށަހެޅުއްވީ އެކަމާ ބެހޭ އާންމު އިއުލާނެއް ފުރަތަމަ ނެރުމަށެވެ. އެ އިއުލާން ކުރުމަށް ފަހު، ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ކާށި ބަހާނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ކަމަށް ނަރީޝް ވިދާޅުވިއެވެ.

"އިއުލާން ކުރާ ދުވަހުން ފެށިގެން ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ނީޑްފުލް މީހުން މިސާލަކަށް ފަގީރުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން އެކަން އެނގޭނެ ލިޔުމެއް ހިފައިގެން އަޅުގަނޑުމެންގެ މި ކަނޑައަޅާ ސަރަހައްދަށް ވަޑައިގަތީމަ ލިބޭ ގޮތަށް. އެ ފަސް ދުވަހުގެ ފަހުން އާންމުކޮށް މާލެ ސަރަހައްދުން ކޮންމެ މީހަކަށް ވެސް ވަޑައިގެންނެވޭނެ،" ނަރީޝް ވިދާޅުވިއެވެ.

ކާއްޓާ ހަވާލުވާންދާ މީހުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުމެއް ގެންދަން ޖެހޭނެކަން ނަރީޝް ފާހަގަކުރެެއްވިއެވެ.

ނަރީޝްގެ ވާހަކަފުޅަށް ތާއިދު ކުރައްވައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފު ހުށަހެޅުއްވީ، ކާށި ބަހަން ފެށުމުގެ ކުރިން، ފަސް ކާށި ހިމެނޭ ޕެކްތައް ހަދާފައި ބެހެއްޓުމަށެވެ.

އެ ހުށަހެޅުންތަކަށް ވޯޓަށް އެހުމުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 ބޭފުޅުންގެ އިއްތިފާގުން ހުށަހެޅުންތައް ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ އިއުލާން ކުރާނެ ވަކި ތާރީޚެއް އެ ބައްދަލުވުމުގައި ކަނޑައަޅާފައި ނުވެއެވެ.

މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް މިރޭ "ސަން"އަށް ވިދާޅުވީ މިހާރު 10،000 ކާށި ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށާއި ކައުންސިލުން މިހާރު ކުރަނީ ކާށި ޕެކް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު ކާށި ބަހަން އިއުލާން ކުރެވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް