ހުޅުމާލެއިން 15 ބިމެއް ވިއްކަން ހުޅުވާލައިފި

އާބަންކޯ އޮފީސް -- ފޮޓޯ/ އާބަންކޯ

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ވިއްކާ 15 ބިމަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އާބަންކޯއިން މިއަދު ހުޅުވާލައިފިއެވެ.

އާބަންކޯގެ އިއުލާނުގައިވާ ގޮތުން ބިން ވިއްކަނީ ބީޗްފްރޮންޓްއިން ފަސް ބިމަކާއި، ބީޗްސައިޑުން 10 ބިމެކެވެ.

މި 15 ބިމުގެ ތެރެއިން ބީޗްސައިޑްއިން ދޫކުރާ ބިންތަކުގެ ބޮޑުމިނުގައި 1644.83 އާއި 2338.87 އަކަފޫޓު ހުންނާނެއެވެ. އަދި ބީޗްފްރަންޓްއިން ދޫކުރާ ބިންތަކުގެ ބޮޑުމިނުގައި 1270.15 އާއި 1803.28 އަކަފޫޓު ހުންނާނެއެވެ.

މި 15 ބިމުގެ ތެރެއިން ބީޗްފްރޮންޓްއިން ދޫކުރާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 6500 ރުފިޔާއެވެ. އަދި ބީޗްސައިޑްއިން ގަތުމަށް ދޫކުރާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5500 ރުފިޔާއެވެ.

ބީލަން ހުށަހެޅުމުގެ ޝަރުތަކީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.

އާބަންކޯއިން ބުނީ ބިޑު ހުށަހަޅާ ފަރާތްތަކުން އެއް މިލިއަން ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ބަހައްޓަންޖެހޭނެއެވެ.

އާބަންކޯއިން ބުނީ މި ބިންތައް ވިއްކުމުގެ މަސައްކަތް ކުރިއަށްދާނީ މައިގަނޑު ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އޮންނާނީ ޝަޢުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާގައި ކުރިއަށްދާނީ އީއޯއައި ހުށަހަޅާފައިވާ ބިމަށް ބިޑްކުރުމެވެ.

ބިން ގަތުމަށް ކުރިމަތިލާނީ އޮންލައިންކޮށް ބިޑް ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން ބިން ގަންނަން އެދޭ ފަރާތްތަކަށް ޕޯޓަލްގައި ރަޖިސްޓްރީކޮށް ބީލަން ހުށަހެޅޭނެއެވެ.

ބިޑު ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ކުންފުނިން ބުނީ ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ފައިސާ ދެއްކުމަށް ދެވޭނީ ބީލަން ކާމިޔާބުކުރިކަމުގެ ލިޔުން ފޮނުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި ބިމުގެ އަގު އަދާކުރާތާ ރަސްމީ 14 ދުވަހުގެ ތެރޭގައި ބިން ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށް ހަތް ދުވަހުގެ ތެރޭގައި ބިން ހަވާލުކުރެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް