އއ. ހިމަންދޫގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ހިމަންދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެލައިޓް އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޑެޓާއެކު ސޮއިކުރީ މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒްއިންނެވެ.
އެލައިޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިރެކްޓާ އާއިޒް ރުޝްދީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ.އަހްމަދު ޒާހިރު އަލީއެވެ.

އއ. ހިމަންދޫގައި ސަރުކާރުން ޒަމާނީ ޑިޒައިނަށް އިމާރާތްކުރާ މިސްކިތުގެ ކުރެހުމެއް --
އިސްލާމިކް މިނިސްޓްރީން ބުނީ 365 ދުވަސް ތެރޭގައި ނިންމުމަށް ކަނޑައަޅާ ހަވާލުކުރި މި މިސްކިތް ހެދުމަށް 10.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަޝްރޫއަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެން މިސްކިތްތަކާ ތަފާތު މި މިސްކިތަކީ ޒަމާނީ ޑިޒައިނަށް ހަދާފައިވާ ވަރަށް ޖާގަ ތަނަވަސް މިސްކިތެކެވެ. އެގޮތުން މިސްކިތް ޑިޒައިން ކޮށްފައިވަނީ އެތެރޭގައި އެއްވެސް ތަނބެއް ނުހުންނަ ގޮތަށެވެ.
އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.